މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.74 މިލިއަނަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އައި އިރު ރާއްޖެއަށް މި ވަނީ 1،743،577 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރު ތެރޭ މި މުއްދަތުގައި ރާއްޖެއަށް ވަނީ 1،584،654 ފަތުރުވެރިން އައިސްފައެވެ. 2023 ވަނަ އަހަރު ތެރޭ މި މުއްދަތުގައި ވަނީ 1،447،146 ފަތުރުވެރިން އައިސްފައެވެ.

ފަތުރުވެރިން ޒިޔާރަތްކުރި މިންވަރަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް 217،392 ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރުތެރޭ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ވެސް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ. އެ ތިން މަހުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖެނުއަރީ މަހުގައެވެ.

ޒިޔާރަތް ކުރި ފަތުރުވެރިން

  • ޖެނުއަރީ - 214،863 ފަތުރުވެރިން
  • ފެބްރުއަރީ - 214،091 ފަތުރުވެރިން
  • މާޗް - 203،464 ފަތުރުވެރިން
  • އޭޕްރީލް - 198،322 ފަތުރުވެރިން
  • މެއި - 135،614 ފަތުރުވެރިން
  • ޖޫން - 141،772 ފަތުރުވެރިން
  • ޖުލައި - 186،738 ފަތުރުވެރިން
  • އޮގަސްޓް - 192،058 ފަތުރުވެރިން
  • ސެޕްޓެމްބަރު - 149،563 ފަތުރުވެރިން
  • އޮކްޓޯބަރު 18 އާ ހަމައަށް - 107،088 ފަތުރުވެރިން
ޗައިނާގެ ޒިއޭމަން އެއާލައިން އިން އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ އެއްވަނައިގައި އޮތީ ޗައިނާ، ދެވަނައިގައި ރަޝީއާ އަދި ތިން ވަނައިގައި ޔޫކޭ އެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތައް:

  • ޗައިނާ - 284،933 ފަތުރުވެރިން
  • ރަޝިއާ - 213،851 ފަތުރުވެރިން
  • ޔޫކޭ - 152،884 ފަތުރުވެރިން
  • ޖަރުމަނު - 126،892 ފަތުރުވެރިން
  • އިޓަލީ - 116،705 ފަތުރުވެރިން
  • އިންޑިއާ - 100،596 ފަތުރުވެރިން
  • ޔޫއެސްއޭ - 50،529 ފަތުރުވެރިން
  • ފްރާންސް - 44،859 ފަތުރުވެރިން
  • ސްޕެއިން -42،280 ފަތުރުވެރިން
  • އޮސްޓްރޭލިއާ - 33،319 ފަތުރުވެރިން

މި އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 73.7 ޕަސެންޓް ފަތުރުވެރިން، 1،284،761 ފަތުރުވެރިން އައިސްފައި ވަނީ ރިސޯޓްތަކަށެވެ. އަދި 21.6 ޕަސެންޓް ފަތުރުވެރިން، 376،146 ފަތުރުވެރިން އައިސްފައި ވަނީ ގެސްޓް ހައުސްތަކަށެވެ. ހޮޓަލްތަކަށް 2.6 ޕަސެންޓް ފަތުރުވެރިން އައިސްފައިވާ އިރު ފަތުރުވެރި އުޅަނދުތަކަށް ވަނީ 2.1 ޕަސެންޓް ފަތުރުވެރިން އައިސްފައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 64،806 އެނދު ހުރިއިރު އޭގެތެރޭގައި 174 ރިސޯޓުގައި ހުރި 43،247 އެނދު، 929 ގެސްޓްހައުސްގައި 15،846 އެނދު، 16،ހޮޓާގައި 2484 އެނދު އަދި 163 ސަފާރީ އުޅަނދު ފަހަރުގައި ހުރި 3229 އެނދު ހިމެނެއެވެ.

މި އަހަރު ތެރޭ އެންމެ ގިނަ ފަތުރުވެރިން އައި ރިކޯޑު މުގުރާލާފައި ވަނީ 9،605 ފަތުރުވެރިން ރާއްޖެއަށް އައި މާޗް މަހުގެ 29 ވަނަ ދުވަހެވެ. ޖެނުއަރީ މަހު އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހަކީ 9،199 ފަތުރުވެރިން އައި އެ މަހުގެ 25 އެވެ. ފެބްރުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ 9،518 ފަތުރުވެރިން އައި އެ މަހުގެ 16 ވަނަ ދުވަހެވެ. މި މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނި މި މަހުގެ 18 ވަނަ ދުވަހު 7460 ފަތުރުވެރިންނެވެ. މި މަހުގެ ކުރީގެ ދުވަސްތަކުގައި ދިވާލެއްގެ މައްޗަށް އައި ފަތުރުވެރިންގެ އަދަދު އުޅެނީ ދުވާލަކު 5000 އާއި 6900 އާ ދެމެދުގައެވެ.

ފަތުރުވެރިކަމުގެ ހިދުމަތުގައި ރާއްޖެ ހޭދަ ކުރި 53 އަހަރުގެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި މަހަކަށް ވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރިއަރީ މަހެވެ. އެ މަހު 217،392 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި އެއް ދުވަހެއްގެ މަތިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ 10 ވަނަ ދުވަހުއެވެ. އެ ދުވަހު 10،213 ފަތުރުވެރިން އައިސްފައި ވެއެވެ.