ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްކޮލާޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފިއެވެ.
ބީއެމްއެލް ސްކޮލާޝިޕް ފަންޑަކީ ތައުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭންކުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.
މިއީ ސްކޮލާޝިޕަކީ ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި، އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ މުހިންމު ޕްރޮގްރާމެކެވެ.
ބީއެމްއެލްގެ ސްކޮލާޝިޕް ލިބުނު 3 ދަރިވަރުންނަކީ:
- މުހައްމަދު އާހިލް
- އަހްމަދުމަރްޔަމް ޖައިޝާން ޖަލީލު
- މުހައްމަދު ޝައުން ހިލްމީ
ސްކޮލާޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ މިއަހަރު ސްކޮލާޝިޕް ހާސިލު ކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ.
"މި ކާމިޔާބީއަކީ ތިޔަ ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާ. މި ފުރުސަތާއެކު ތިޔަ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އަދި ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގޭ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން." ޝަރީފް ވިދާޅުވިއެވެ.
2022 ވަނަ އަަހރުން ފެށިގެން ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު ނުވަ ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންކަން ފާހަގަކޮށްލެވެއެވެ.