ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ހާމަކުރެވޭނީ ތަހުގީގު ކުރިއަށްދާ މިންވަރަކުން ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެޕްރީލް 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައިގެ ތަހުގީގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

ފުލުހުން ބުނީ ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ މި ކޮންޓެއިނަރުތައް ގެއްލިފައިވާ ކަން ފަޅާއަރާފައި ވަނީ މިދިޔަ ހަފުތާގައެވެ. ދެ ކޮންޓެއިނަރުގައި ހުރި ޖުމުލަ 13.6 މިލިއަން ސިނގިރޭޓު ހުރިއިރު އެ މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެ މުވައްޒަފުންތައް ސަސްޕެންޑް ކޮށްފައިވަނީ އެމްޕީއެލުން ކުރަމުންދާ އެތެރޭގެ ތަހުގީގަށް ބިނާކޮށެވެ.

އެ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އެ މީހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަންދުވެސްކޮށްފައެވެ. ވަގަށް 1،360 ކޭސް ސިނގިރޭޓު ނަގަން ރޭވުމާއި އެ އަމަލު ހިންގުމަށް ފަންޑުކުރި ކަމަށް ތުހުމަތުކުރަނީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަށެވެ. އޭގެ ތެރެއިން ދިގަލީގެ ބަންދަށް 10 ދުވަސް އަދި އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.

މީގެ އިތުރުން ދެން ހައްޔަރުކުރީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީއާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލެވެ. މި ދެމީހުން ވެސް މަގާމުން ސަސްޕެންޑްކޮށްފައިވާއިރު މި މީހުންގެ އިތުރުން 12 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.