ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގެ ދައުލަތުން ދައުވާކުރާ އިރުފާން ތަގިއްޔުގެ މައްސަލާގައި ރަޖިސްޓްރޭޝަން ފީ ނުދައްކާތީ އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހަޅައިފިއެވެ.
ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސް މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ އިރުފާން ތަގިއްޔުއަށް އުފުލީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ އިތުރުން ދެން ދައުވާ އުފުލީ އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް މިއަހަރުގެ ޖެނުއަރީ މަހު ހުކުމްކޮށްފައި ވާއިރު، އޭގެ ތިން މަސްފަހުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން މިދިޔަ އޭޕްރީލް މަހު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ.
އެހެންނަމަވެސް މި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުން ނިންމާފައިވަނީ ރަޖިސްޓްރޭޝަން ފީ ނުދައްކާތީ އެވެ. އެގޮތުން ފީ ދައްކަން އަންގައި، އީމެއިލް ފޮނުވި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ފީ ދައްކާފައި ނުވާތީ ހައިކޯޓުގެ ގަވާއިދާ ހަވާލާދީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް ރެޖިސްޓްރާގެ ނިންމުމުގައިވެއެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގެ އެ އީމެއިލް ނުލިބޭ ކަމަށް ބުނެފައެވެ. އަދި އެ ދުވަހާއި ޖެހިގެން އައި ދުވަހު ވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައިވީ ނަމަވެސް އެ މައްސަލައާ ގުޅޭ އީމެއިލް ލިބިފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ހައި ކޯޓުގެ މި ނިންމުމާއި ގުޅިގެން ޕީޖީއިން މި މައްސަލަ ޑީޖޭއޭގެ ސަމާލުކަމަށް ގެނެސްފައިވާއިރު ޕީޖީގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ކޯޓުތަކުގެ އިދާރީ ކަންކަމާ ގުޅިގެން މިފަދަ ކަންކަން މެދުވެރިނުވާނެ ގޮތަށް ކަންކަން އިންތިޒާމްކޮށްދޭން ޑީޖޭއޭގައި އެދިފައިވާނެ ކަމަށެވެ. މީގެ އިތުރުން ރަޖިސްޓްރާގެ އެ ނިންމުން މުރާޖައާކުރަން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ވެސް ދައުލަތުން ވަނީ ހުށަހަޅާފައެވެ.