އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް، ބާޒާރަށް ނެރެ އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް ބާޒާރަށް ނެރެ ވިއްކަން ފަށާފައި ވަނީ މިއަދު ކަމަށެވެ.
މިހާރު ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ 23 ބާވަތާއި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އަގުތައް:
މޭވާ:
- ދޮންކެޔޮ - ކިލޯއެއް 30 ރުފިޔާއަށް
- އާފަލު - ފެހި އާފަލު 4 ރުފިޔާއަށް، ރަތް އާފަލު 5 ރުފިޔާއަށް
- އޮރެންޖު - 3 ރުފިޔާއަށް
- ލުނބޯ - ކިލޯއެއް 20 ރުފިޔާއަށް
- ޖުމްހޫރީމޭވާ - ކިލޯއެއް 80 ރުފިޔާއަށް
- އަނބު - ކިލޯއެއް 90 ރުފިޔާއަށް
- ފަޅޯ - ކިލޯއެއް 25 ރުފިޔާއަށް
- ކަރާ - ކިލޯއެއް 12 ރުފިޔާއަށް
- މިރުސް - ކިލޯއެއް 120 ރުފިޔާއަށް
- މޭބިސްކަދުރު - ފެހި މޭބިސްކަދުރު ކިލޯއެއް 133 ރުފިޔާއަށް، ރަތް މޭބިސްކަދުރު ކިލޯއެއް 50 ރުފިޔާއަށް
ތަރުކާރީ:
- ފިޔާ - ކިލޯއެއް 10 ރުފިޔާއަށް
- އިނގުރު - ކިލޯއެއް 15 ރުފިޔާއަށް
- ކެރެޓު - ކިލޯއެއް 15 ރުފިޔާއަށް
- ބަށި - ކިލޯއެއް 28 ރުފިޔާއަށް
- ކައްޓަލަ - ކިލޯއެއް 45 ރުފިޔާއަށް
- އަލުވި - ކިލޯއެއް 15 ރުފިޔާއަށް
- ކެބެޖު - ކިލޯއެއް 15 ރުފިޔާއަށް
- ބަރަބޯ - ކިލޯއެއް 12 ރުފިޔާއަށް
- ބޯވެލި - ކިލޯއެއް 30 ރުފިޔާއަށް
- ލޮނުމެދު - ކިލޯއެއް 40 ރުފިޔާއަށް
އެތަކެތީގެ އިތުރުން ރީނދޫ މުގު ކިލޯއެއް 22 ރުފިޔާއަށް، ކުކުޅު ބިސް 2 ރުފިޔާއަށް އަދި ކާއްޓެއް ލިބެންހުރީ 7 ރުފިޔާއަށެވެ. މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ބުނީ މި 23 ބާވަތުގެ އަގު މި ވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާއިއެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެ ކަމަށާއި އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބާޒާރުގައި މި ކާބޯތަކެއްޗަށް އޮންނަ ޑިމާނަޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާ ކުރެވެމުންދާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯގެ އަމާޒަކީ ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދުވެސް ރައްޔިތުންނަށް ލިބެން ހުރުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.