މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ ރިޝްވަތަށް އެދިފައިވާ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅައިިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއާޒް ރިޝްވަތަށް އެދިފައިވާ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި 8 އޮކްޓޫބަރުގައި ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް، މުއާޒު އަލީ (ހ. ނިއުހެޕިނަސް، މާލެ)ގެ މައްޗަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން އިން ބުނީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސް ސާވިސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ އެކްސްޕޯޓްކޮށްފައިނުވާ މައްސަލައެއް ކަމަށެވެ.
މީގެއިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބަލަމުންދިޔަ މައްސަލަ އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު ރިޝްވަތަށް އެދިފައިވާކަންވެސް ތަހުގީގަށް އެނގިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އޭސީސީ އިން ބުނީ މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ އެނގިހުރެގެން މަންފާއަކަށް އެދުމާއި ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާގައި ކަމަށެވެ.