ފުރަތަމަ ބޯހިޔާވަހިކަން (ފަސްޓް ހޯމް) ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށް 2 ސްކީމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގް މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފްލެޓު ލިސްޓު ހަދައި، އުސޫލުތައް ކަނޑައަޅައި، ފްލެޓު ދޭނެ މީހުން އިއުލާނުކޮށް އެއްބަސްވުން ހަދާފައިވާ 4000 ފްލެޓު ދިން އުސޫލާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިމަހު 5 ވަނަ ދުވަހު އޮތް ކެބިނެޓުން ވަނީ އެކަމާ ގުޅޭ ސިޔާސަތު ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ސްކީމަކީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ފަންޑުކޮށްގެން ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކައި އަމިއްލަ ކުރެވޭ ގޮތަށް 3000 ފްލެޓު އެޅުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ފްލެޓުތައް އެޅުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ހަދަންޖެހޭ އުސޫލުތައް ހެދުމުގެ މަސައްކަތް އެމްއެމްއޭ އާއެކު ކުރަމުންދާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި އަމާޒަކީ ފްލެޓުތަކަށް މަހަކު ދައްކަންޖެހޭ ފައިސާގެ އަދަދު 10،000ރ. އަށްވުރެ ދަށް އަގެއްގައި ހިފެހެއްޓުމަށް ކަމަށް ވެސް ވެއެވެ.
ދެވަނަ ސްކީމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ސަރުކާރުން ބިން ދީގެން، އަދި ޑިވެލަޕްކުރާ ފަރާތަށާއި، ގަންނަ ފަރާތްތަކަށް ލުއިތަކެއް ދީގެން ސަރުކާރުން ކަޑައަޅާ އަގެއްގައި ޑިވެލަޕާސް އަމިއްލައަށް ޑިވެލަޕްކޮށް ވިއްކަން ފުރުސަތު ދިނުމެވެ. މިގޮތަށް އިމާރާތް ކުރެވޭ ތަންތަން ލިބޭނީ ފަސްޓް ޓައިމް ހޯމް ބަޔާސްއަށްކަން ފާހަގަ ކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ތަންތަނުގެ އަގު ހުންނާނީ މިހާރު މާރކެޓުގައި ލިބެން ހުރި އަގުތަކަށްވުރެ ވަރަށް ބޮޑުތަނުން ކުޑަކޮށް ކަމަށެވެ.
މިހާރު 3 ކޮޓަރީގެ އެޕާޓްމަންޓެއް ގަންނަން ލިބޭ އަގަކީ 4 މިލިއަން ރުިފޔާ ނަމަވެސް ސަރުކާރުގެ އަމާޒަކީ ގާތްގަޑަކަށް އޭގެ ދެބައިކުޅަ އެއްބަޔަށް 3 ކޮޓަރީގެ އެޕާޓްމަންޓުގެ އަގު ކުޑަކޮށް މާކެޓަށް ނެރުން ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ވެސް ގަންނަ ފަރާތްތަކަށް ޖީއެސްޓީ ދައްކަން ނުޖެހޭ ފަދަ ލުއިތައް ދިނުމަށް ވެސް މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ގަންނަ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެ، މިސާލަކަށް ޖީއެސްޓީ ދައްކަން ނުޖެހުން ކަހަލަ، އަދި ޑިވެލޮޕް ކުރާ ފަރާތްތަކަށް ޑިއުޓީ އެގްސެމްޕްޝަން ކަހަލަ އިތުރު އިނާޔަތްތައް ލިބިގެންދާނެ ވީހާވެސް ބޮޑަކަށް މި ދަންނަވާ ފްލެޓުތަކުގެ އަގު ކުޑަ ކުރުމަށްޓަކައި،" މުއްތަލިބް ވިދާޅުވިއެވެ.
ހަމަ އެހެންމެ އެފަރާތްތަކަށް ހާއްސަ މޯގޭޖް ސްކީމެއް އެކުލަވާލުމުގެ މަސައްކަތް އެމްއެމްއޭ އާއެކު ސަރުކާރުން ކުރުމަށް ވަނީ ރާވާފައިވާ ކަމަށާއި ޑިވެލަޕާސްއަށްވެސް ދެވެން އޮތް އިންސެންޓިވްސްތަކެއް ދޭނެ ކަމަށް ވެސް މުއްތަލިބް ވަނީ ވިދާޅުވެފައެވެ.