އައްޑޫގެ 3 ރަށެއްގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ހިޔާލު ހޯދަން އެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަށް އަހަން ކަނޑައަޅާފައިވާ ސުވާލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލުކުރައްވައިފި އެވެ.
ރައީސް މި ސުވާލު ބަދަލު ކުރެއްވީ އެމަނިކުފާނު އެކުލަވާލެއްވި ގަރާރަކުންނެވެ. މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްގެންދާ ވޯޓުގައި އަހާނެ ސުވާލަކަށް މީގެ ކުރިން ކަނޑައަޅާފައިވާ އެއް ސުވާލުގައި ވަނީ އައްޑު އަތޮޅު މީދުއަށް ހާއްސަ ކުރެވިގެން، އައްޑު އަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭ ހެއްޔެވެ.
އަދި އަނެއް ސުވާލުގައި ވަނީ އައްޑު އަތޮޅު ހުޅުދޫ އާއި އައްޑުއަތޮޅު މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭ ހެއްޔެވެ. ނަމަވެސް ރައީސް މި ވަނީ އެ ސުވާލު ބަދަލު ކުރައްވާފައެވެ. އެމަނިކުފާނު ނެރުއްވި ގަރާރުގައި ވަނީ:
- އައްޑު އަތޮޅު ހުޅުދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު - އައްޑުއަތޮޅު ހުޅުދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
- އެ އަތޮޅު މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު - އައްޑުއަތޮޅު މީދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
- އެ އަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު - އައްޑުއަތޮޅު ފޭދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުއެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވާ އާންމު ވޯޓާ ގުޅިގެން އެ ސިޓީގެ ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ސަރުކާރުން މި ވޯޓުގައި ވަކި ސްޓޭންޑެއް ނުނަގާނެކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިހާރު އައްޑޫގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށުގެ އިތުރަށް، ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.