އިންޑިއާގެ ތިން ކުންފުންޏަކުން އުފެއްދި ވިހަ މާއްދާ ހުރި ކެއްސުމަށް ބޭނުންކުރާ ތިން ބޭސް ރާއްޖެ އެތެރެކޮށްފައިނުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.

ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވިގެންވާ ގޮތަކަށް އުފައްދަމުން އައި ކެއްސުމަށް ހާއްސަކޮށް ދޭ ބޭހެއް ބޮއެގެން އިންޑިއާގެ މަދުޔަ ޕްރަދޭޝްގެ އުމުރުން ފަސް އަހަރުން ދަށުގެ 17 ކުއްޖަކު ވަނީ މަރުވެފައެވެ. މިދިޔަ ހަފްތާގައި ހިނގާދިޔަ މި ހާދިސާގައި އެ ކުދިން ބުއި ބޭސް ތަހުލީލު ކުރިއިރު އެ ބޭހުގައި، ކެމިކަލެއް ހުންނަން ޖެހޭ ވަރަށްވުރެ 500 ގުނަ އިތުރަށް ހުރި ކަމަށް ދައްކައެވެ.

އެ ބޭހާ ގުޅިގެން މިއަދު އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އިންޑިއާގެ ތިން ކުންފުނިން އުފައްދާފައިވާ ކެއްސުމަށް ބޭނުން ކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ކަމަށްވާ ޑައިތީލް ގްލައިކޯލް (ޑީއީޖީ) ހުރެގެން އެބޭސްތައް ބޭނުން ކުރުމާއި، ވިއްކުން މަނާކޮށްފައިވާ ކަމަށް ސައުތް އީސްޓް އޭޝިޔާ ރީޖަން ނެޓްވޯކް (އެސްއީއޭއާރްއެން) އިން އެއޮތޯރިޓީއަށް އެލާޓްކޮށްފައިވާ ކަމަށެވެ.

އެ އެލާޓްގައި ފާހަގަ ކޮށްފައިވާ ތިން ކުންފުންޏަކީ، އެމްއެފްޑީއޭއިން ބޭސް އިމްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫން ކަމަށް އިއުލާނުގައި ވެއެވެ. އެހެންކަމުން އެ ކުންފުނި ތަކުން އުފައްދާ އެއްވެސް ބޭހެއް، އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

މީގެ އިތުރުން އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. ވިހަ މާއްދާ އެކުލެވޭ ބޭސްތަކަކާއި އުފައްދާ ކުންފުނިތަކުގެ މައުލޫމާތުވެސް އެމްއެފްޑީއޭއިން ވަނީ އާންމުކޮށްފައެވެ. އެގޮތުން އެ ބޭސްތަކާއި ކުންފުނިތަކަކީ:

  • ސިރަޕް ކޯލްޑްރިފް - ސްރީސަން ޕާމަސޫޓިކަލް
  • ރެސްޕިފްރެޝް - ރެޑްނެކް ޕާމަސޫޓިކަލް ޕްރައިވެޓް ލިމިޓެޑް
  • ސިރަޕް ރީލައިފް - ޝޭޕް ޕާމާ ޕްރައިވެޓް ލިމިޓެޑް

އެމްއެފްޑީއޭއިން ބުނި ގޮތުގައި ރާއްޖެ އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރަން އެ އިދާރާއިން އަބަދު ވެސް މަަސައްކަތްކުރާ ކަމަށެވެ. އެގޮތުން ހާއްސަކޮށް ކުޑަކުދިންނަށް ދޭ ބޭސްތަކުގެ ރައްކާތެރިކަން ކަށަވަރުކުރާ ކަމަށާއި އެފަދަ ބޭސް އެތެރެކުރާއިރު ޑީއީޖީ އަދި އީޖީ ނުހިމެނޭކަން ކަށަވަރުކުރަން ލެބޯޓްރީ ތަހުލީލުތަކުން ކަށަވަރުކުރާ ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައި ވެއެވެ.

ސިއްހީ ނުރައްކާތެރި ކަމެއް އުޅޭނަމަ އެފަދަ ބޭސްތައް ރާއްޖެ އެތެރެކުރުން މީގެ ކުރިން ވެސް މަނާކޮށްފައި ވެއެވެ. އަދި އެފަދަ ބޭހެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްއެފްޑީއޭއީން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.