އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާ ދޯންޏެއްގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމަށް ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވަނީ އއ. ރަސްދޫއަށް ދަތުރުކުރަމުން ދިޔަ "ސްކޫބާ" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް ކަމަށެވެ. މި ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ޑައިވިން ދޯނި އަޑިއަށް ގޮސްފައި ވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށް ކަމަށާއި، ދޯނީގެ ބައެއް ބައިތަކާއި ތަކެތި އަލިހުރަސް ކަނޑުތެރެއަށް، ރަސްދޫގެ އިރުމައްޗަށް ވާ ގޮތަށް އޮޔާދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އެއާއެކު އެމްއެންޑީއެފް އިން ވަނީ އަލިހުރަސް ކަނޑާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި، ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އިރުޝާދުދީފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ބާރު ރާއްޖެއަށް ގަދަވެފައިވާ ދުވަސްވެރެކެވެ. ބޯކޮށް ވާރޭވެހުމާއެކު ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު 15:00 އިން 21:00 އަށް މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ.

މި ދުވަސްވަރަކީ ކޮލެޖު ޗުއްޓީ ނިމުމަށްފަހު އަލުން ކިޔެވުން ފެށޭ ދުވަސްކޮޅަށް ވުމުން ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެ ކަމަށް ލަފާކުރެވޭތީ ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.