ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ ސަމާލުވާން އިލްތިމާސް ކޮށްފިއެވެ.
މިކަމާ ގުޅިގެން މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ކަމަށާއި، ހާއްސަކޮށް ދެކުނާއި މެދު ރާއްޖެތެރެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާކަމަށެވެ.
މެޓް އޮފީހުން ބުނީ ވައި ބާރުވުމާއެކު ކަނޑުތައް ގަދަވެ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އިތުރަށް މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑު ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުންވެސް އެކަށީގެންވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ބޯކޮށް ވާރޭވެހުމާއެކު ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު 15:00 އިން 21:00 އަށް މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ.
މި ދުވަސްވަރަކީ ކޮލެޖު ޗުއްޓީ ނިމުމަށްފަހު އަލުން ކިޔެވުން ފެށޭ ދުވަސްކޮޅަށް ވުމުން ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެ ކަމަށް ލަފާކުރެވޭތީ ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.