މާލެ ސަރަހައްދުގައި މާރާމާރީ ހިންގި ދެ މައްސަލައަކާ ގުޅިގެން، ހަ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ
- ތާއިފް ރަފީގު (26އ) ގއ. މާމެންދޫ / މޯރާ،
- އަމްސަލް އަބްދުﷲ (25އ) ގދ. ރަތަފަންދޫ / ސަންރައިސް،
- އަހްމަދު ނީޒާދު (29އ) ލ. ގަން / ތުނޑި. ރޯސްބަޑް،
- އަބްދުﷲ އިސްރާގް (19އ) ގދ. ތިނަދޫ / ގުލްބަކާގެ،
- ޝަމާލް ހުސައިން (22އ) ތ. ގާދިއްފުށި / މުސްތަރީގެ،
- ރަޖުވާން ލަތީފް (24އ) ލ. މާމެންދޫ / މުރިނގު،
ފުލުހުން ބުނީ މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރުގެ ދަށުން ކަމަށެވެ. މި މީހުންގެ ތެރެއިން ޝަމާލް ހުސައިން އަދި ރަޖުވާން ލަތީފް ހައްޔަރުކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ 18:10 އެހައިކަންހާއިރު، ސައިކަލެއްގައި ގޮސް، ބޮޑުތަކުރުފާނު މަގު ފޯސްޓު އޮފީސް ކައިރީ ހުރި މީހަކާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ދެ މީހުންގެ ބަންދާއި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ ތާއިފް ރަފީގު، އަމްސަލް އަބްދުﷲ، އަހްމަދު ނީޒާދު އަދި އަބްދުﷲ އިސްރާގް ހައްޔަރުކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ގުރޫޕު ހަދާފައި ސައިކަލެއްގައި ގޮސް، މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ހަތަރު މީހުން ވެސް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މާރާމާރީގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ. މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.