ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) އާއި ސައުދީގެ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) ގުޅިގެން ފެށި ޕީސް ޖާނަލިސްޓް ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމް ފަށާފައި ވަނީ މި މަހުގެ 6 ވަނަ ދުވަހު އެވެ.
ރާއްޖޭގެ އެކި މީޑީއާތަކުން ބައިވެރިވި މި ޕްރޮގްރާމުގައި، ހަރުކަށި ފިކުރުގެ ވާހަކަތައް ދެނެގަތުމާއި އެފަދަ ވާހަކަތައް ދިރާސާކުރުމާއި މީޑިއާގެ ވާހަކަތައް ދެނެގަތުމަށް ބޭނުންކުރާ ޓެކްނިކަލް ވަސީލަތްތައް ވަނީ ދިރާސާކޮށްފައެވެ. އަދި ހަމަ އެހެންމެ ނަފްރަތު އެފެއްދުމަށް ފަތުރާ ވާހަކަތައް ހުއްޓުވުމާއި މީޑިއާގެ އިނިޝިއޭޓިވްތައް ބޭނުންކުރުމުގެ އެންމެ ރަނގަޅު އުކުޅުތައް ބަލައި ދިރާސާ ކޮށްފައި ވެއެވެ.
މީގެ އިތުރުން މީޑިއާގެ ދައުރު ހަރުދަނާކޮށް، މެދުމިނުގައި ހިފެހެއްޓުމާއި، ކެތްތެރިކަމުގެ ރޫހު އާލާކުރުމަށް ބާރުއެޅުންވެސް ހިމެނެއެވެ. މިޕްރޮގްރާމުގެ ބައިވެރިންނަށް ޒަމާނީ މީޑިއާގެ ވަސީލަތްތަކާއި، ސުލްހައަށް ބާރުއަޅާ މީޑިއާގެ މެސެޖުތައް އުފެއްދުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މައުލޫމާތުތައް ވެސް ވަނީ ފޯރުކޮށްދީފައެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލީ ޝައްމާނެވެ. މި ޕްރޮގްރާމުގައި 28 ފަރާތަކުން ބައިވެރިވެފައިވާއިރު އެ ފަރާތްތަކަށް ވަނީ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މި ޕްރޮގްރާމާއި ގުޅިގެން ދިފާއީ ވުޒާރާއިން ބުނީ، "ޕީސް ޖާނަލިސްޓް" ޕްރޮގްރާމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ހައްދުފަހަނައަޅާފައިވާ ވާހަކަތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މީޑިއާގެ ދައުރާ ގުޅޭގޮތުން މައުލޫމާތުދީ ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަމަށެވެ. އަދި މިޕްރޮގްރާމުން ސުލްޙައާއި އެކުވެރިކަމަށް ވަކާލާތުކުރާ ބާރުގަދަ މީޑިއާތަކެއް އުފެއްދިގެންދާނެކަމަށް އެ ވުޒާރާއިން ބުނެއެވެ.