ރާއްޖޭގައި މަސއްކަތްކުރަމުންދާ ބިދޭސީންގެ ތެރެއިން މިހާތަނަށް އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ބައޯޑޭޓާ އަދާހަމަކޮށްފައި ނުވާ ބިދޭސީން އެ މައުލޫމާތު އަދާހަމަކުރުމަށް ހޯމް މިނިސްޓްރީއިން ފަހު ފުރުސަތު ދީފިއެވެ.

ހޯމް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ މިހާތަނަށް 3,942 ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27,773 ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ރިކޯޑްތަކުން ފާހަގަކުރެވޭ ކަމަށެވެ.

އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެގެނެސްފައިވާ އެއްވެސް ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ނަމަ، އަންނަ ނޮވެމްބަރު މަހުފެ 15 ވަނަ ދުވަހުގެ ކުރިން އެފަދަ ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމަށް ހޯމް މިނިސްޓްރީއިން ވަނީ އެދިފައެވެ.

އެ މުއްދަތުގެ ތެރޭގައި ކުރިއެކޭވެސް އެއްގޮތަށް ނޭޝަނަލް ސެންޓާ ފޯ އިންފޯމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އިމާރާތުގެ ގްރައުންޑް ފްލޯގައި ގާއިމްކޮށްފައިވާ ޖޮކް ސެންޓަރުން ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު ލިބިގެންދާނެކަން އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

ހޯމް މިނިސްޓްރީއިން ބުނީ ނޮވެމްބަރު 15ގެ ކުރިން އެކަށީގެންވާ ސަބަބެއް ނެތި އެކްސްޕެޓް އޮންލައިން ސިސްޓަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖޭން ޑީޕޯޓްކުރާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން 50،000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމާއެކު ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިކަމާގުޅޭގޮތުން އިތުރު މައުލޫމާތު ހޯމް މިނިސްޓްރީގެ ނަމްބަރު 1485 ނުވަތަ 7690228 އަށް ގުޅައިގެން ނުވަތަ އީމެއިލްކޮށްގެން ([email protected]) ސާފުކުރެވޭނެއެވެ.