ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމްގެ މައްޗަށް ހިޔާނާތުގެ ދައުވާއެއް ސާބިތުވެ 4 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެއީ ދައުލަތުން ބައްސާމާ ދެކޮޅަށް އުފުލި ހިޔާނާތާއި މަނީ ލޯންޑްރިންގެ ދެ ދައުވާގެ މައްސަލައެވެ. ބައްސާމާ ދެކޮޅަށް މި ދައުވާކުރީ ޑޮލަރު މާރުކުރުމުގެ ނަމުގައި ބައްސާމްގެ އަމިއްލަ އެކައުންޓުން އެފްއޭއެމްގެ ފައިސާއިން 10،000 ޑޮލަރު ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ ނުދައްކާތީއެވެ.
އެއީ 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި އެއީ، ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އެފްއޭއެމަށް ދިން ފައިސާގެ ތެރެއިން 10،000 ޑޮލަރު ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ. އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭމަށް ލިބުން ކަމަށް ލިޔެކިޔުން ތައްޔާރުކުރި ނަމަވެސް ފައިސާ ޖަމާކޮށްފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުންނާއި ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ.
އަދި އެއީ އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ލިބެންޖެހޭ އެލަވަންސްގެ ފައިސާ ކަމަށް ބައްސާމްގެ ފަރާތުން ބުނި ނަމަވެސް، އެ ފައިސާ ޖަމާވުމުގެ ދުވަސްކޮޅެއް ކުރިން، ރައީސްގެ އެލަވަންސްގެ ފައިސާ އެފްއޭއެމްއިން ޖަމާކޮށްފައިވާތީ އެ 9،999 ޑޮލަރަކީ އެލަވަންސްގެ ގޮތުގައި ލިބުނު ފައިސާ ނޫން ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.
މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ބައްސާމްގެ މައްޗަށް އެންމެ މަތީ އަދަބު ކަނޑައެޅުއްވީ، އޭނާ މި އަމަލު ހިންގާފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ކަމަށްވާތީއާއި، ފުޓްބޯޅަ ކުރިއެރުވުމަށް ލިބޭ ފައިސާ އަމިއްލަ ބޭނުމަށް ހޭދަކޮށްފައިވާތީ ކަމަށް ގާޒީ ވިދާޅުވެފައި ވެއެވެ. އަދި މިހާތަނަށްވެސް މި ފައިސާ އަނބުރާ ދައްކާފައިނުވާކަމަށް ގާޒީ ފާހަގަ ކުރައްވާފައި ވެއެވެ.
މި މައްސަލާގައި މަނީ ލޯންޑްރިންގެ ދައުވާއެއް ބައްސާމްގެ މައްޗަށް ދައުލަތުން ކުރި ނަމަވެސް މައްސަލާގެ ހުކުމް މިއަދު ނީއްވަ އެވެ. އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ވަނީ އުފުލާފައެވެ. އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.