ފައިނޭންޝަލް އޮޑިޓެއްގެ ނަތީޖާ ގޯސްވެއްޖެއްޔާ އޭގެން އެ ދައްކައި ދެނީ އެތެރޭގެ އިންޓާނަލް ކޮންޓްރޯލާއި ގަވަނަންސްގެ ބައިވަރު މައްސަލަތަކެއް ހުރީ ކަމަށް އޮޑިޓާ ޖެނެރަލް ހުސެން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އޮޑީޓް އޮފީހުން ކުރިއަށް ގެންދާ މަސައްކަތްތަކާ ގުލޭ ގޮތުން ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވީ، އެ އޮފީހުން އެންމެފަހުން އާންމުކުރި ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ތައްޔާރު ކުރުމުގައި ލަސްތަކެއް ދީމާވި ކަމަށެވެ. އެއީ އެ ކުންފުނީގެ އިދާރީ މަސައްކަތްތަކެއް ނުކޮށް ހުރުމުން ދިމާވި ލަސްތަކެއް ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެ ގޮތުން 2023 ވަނަ އަހަރު ފެށިއިރު ވެސް ގާތްގަނޑަކަށް 3 ބިލިއަނެއްހާ ރުފިޔާގެ އަގު ހުރި ޕާޗޭސް އޯޑަރު (ޕީއޯ) ސިސްޓަމަށް ނާޅާ ހުރި ކަން ނިޔާޒީ ފާހަގަ ކުރެއްވިއެވެ.

އެ ކުންފުނން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް ރިއާޔަތް ކުރައްވަމުން ނިޔާޒީ ވިދާޅުވީ، ވޭސްޓޭޖާއި ފްރޯޑު ފަދަ ކަންތައް ހަމައެކަނި ހާއްސަ އޮޑިޓަކުން ނުހުއްޓުވޭނެ ކަމަށާއި އެއަށް ވުރެ މާ ބޮޑެތި މައްސަލަަތައް އެބަހުރި ކަމަށެވެ. އެގޮތުން ބޭރުގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ކަންކަން ރަނގަޅު ކުރަނީ މުޅި ގަވަނަންސް ރަނގަޅުކޮށްގެން ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

ކުންފުނި ހިންގަން މެނޭޖިން ޑިރެކްޓަރާއި ކުންފުނީގެ ބޯޑާ ހަވާލު ކުރާއިރު ބޯޑުގެ އަދި މެނޭޖިން ޑިރެކްޓަރުގެ ޒިންމާތައް ވެސް އެބަހުރިކަން ނިޔާޒީ ފާހަގަކުރެއްވިއެވެ. ކުންފުންޏާ ބެހޭ ގާނޫނުން ވެސް އަދި ހާއްސަކޮށް ދައުލަތުގެ ކުންފުންޏަކަށް ވާތީ އިތުރު ޒިންމާތަކެއް ވެސް އެބަހުންނަ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި ހާއްސަކޮށް ދައުލަތުގެ ކުންފުނިތަކަކީ މިނިސްޓްރީ އޮފް ފިނޭންސުން ސަބްސިޑީ ދީގެން ހިންގާ ތަންތަން ކަމުން އެހެންވީމާ ސަބްސިޑީ ދޭއިރު މިނިސްޓްރީ އޮފް ފިނޭންސުން ބަލަން ޖެހޭ ކަންތައް ވެސް އެބަހުރި ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި މި ކުންފުނިތަކަށް ލޯނު ނަގާއިރު ލޯނަށް ގެރެންޓީ ދީގެން ބޭންކުތަކުން ލޯނު ދޫކުރާ އިރު ބަލަން ޖެހޭ ކަންކަން އެބަހުރި ކަމަށް ވެސް ނިޔާޒީ ވިދާޅުވިއެވެ.

މީގެ ކުރިން ކުރި އޮޑިޓުތަކުން ވެސް ކޮރަޕްޝަނާއި ވައްކަންތައް ފާހަގަވެފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެހެންކަމުން އެ ވައްކަންތަކުން މިހާތަނަށް ހޯދުނީ ކިހާ ފައިސާއެއްތޯ ވެސް ބަލަން އެބަ ޖެހޭ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

ފައިނޭންޝަލް އޮޑިޓެއްގެ ނަތީޖާ ގޯސްވެއްޖެއްޔާ އޭގެން އެ ދައްކައިދެނީ އެތެރޭގެ އިންޓާނަލް ކޮންޓްރޯލާއި ގަވަނަންސްގެ ބައިވަރު މައްސަލަތައް ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެހެންވީމާ ހިސާބު ކިތާބު ރަނގަޅަށް ބެލެހެއްޓުމަކީ، އެ އަޕްޑޭޓުކޮށް ބެލެހެއްޓުމަކީ ކުންފުނީގެ ހިންގުންތެރިކަން ހަރުދަނާވެ، ޖަވާބުދާރީވުން ހަރުދަނާވެ އަދި ވޭސްޓޭޖާއި ކޮރަޕްޝަން ފަދަ ނާޖައިޒު ކަންތައްތައް ވެސް މަދު ކުރުމަށް އެލޭނެ ފިޔަވަޅެއް ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.