ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ އާއި ޖޫރިމަނާ ދެއްކުމަށް ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ދާ ފަރާތްތަކުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކާއި ގުޅޭ ގޮތުން ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާންގައި ބުނީ، ސަރުކާރާއެކު ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން، ފީތައް ދައްކަމުންދާ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން، ދީފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް ގޮންޖެހުންތައް ހުރިކަމުގެ ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށެވެ.
އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން ގަވާއިދުން ފީތައް ދައްކާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. މި އެއްބަސްވުމަށް ގެންނަ ބަދަލުތަކުގެ ތަފްސީލު އެކްސްޕެޓް ސިސްޓަމް ހޯމްޕޭޖް މެދުވެރިކޮށް ވަޒީފާދޭ ފަރާތްތަކަށާއި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ލިބެމުންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފާއިތުވެ ދިޔަ މުއްދަތުގައި، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ފަރާތްތަކަށް، އިތުރު އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން ސަރުކާރުން އާންމުކުރި މައުލޫމާތުތަކަށް ބާލާއިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. މި މައްސަލަ ހައްލުކޮށް، ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، ގަވާއިދުން ފީ ނުދައްކާ މީހުންގެ ނަން ސަރުކާރުން ވަނީ އާންމުކޮށްފައެވެ. ބޮޑެތި އަދަދުތަކުން ބިދޭސީންގެ ފީ ނުދައްކާ މީހުންނަށް ސަރުކާރުން ވަނީ އެ ފައިސާ ދައްކައި ހަލާސްކުރުމަށް އަހަރު ދުވަހުގެ މުއްދަތެއް ދީފައެވެ.