ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެމްއޭސީއެލްއިން ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށްފިއެވެ.
އެކަމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމްއޭސީއެލް އިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ހަވާލުވުމުން އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
އެމްއޭސީއެލްގެ ކޮންމެ ކަމެއްގައިވެސް ކަމާގުޅޭ ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯއްދަވާނެ ކަމަށާއި އެ ސްޓޭކްހޯލްޑަރުންނަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ ކަމުގެ ޔަގީންކަން ޝަރީފު ވަނީ ދެއްވާފައެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު، އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓުގެ ބޭފުޅުންނާއި އިމިގްރޭޝަން ކޮންޓްރޯލަރު ސީޕީ ރިޓަޔާޑް އަހުމަދު ފަސީހު އަދި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް, މޯލްޑިވްސް އިމިގްރޭޝަން, މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ, ޕޮލިސް, އެމްއެންޑީއެފް, މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް) އަދި އެމްއޭސީއެލްގެ ވެރިންނާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުގެ އޮފިޝަލުންވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.