މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެފަދަ އަގުބޮޑު ހިދުމަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާއި ގުޅިގެން ދެއްވި ހާއްސަ މެސެޖެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ މި ގައުމުގެ ދިދަ މާދަމާ އުފުލާނެ އަޒުމު ވަރުގަދަ، ހިތްވަރު ހުރި އަދި މޮޅުކުދީން މިއަދު ތިބީ މަދަރުސާތަކުގައި ކަމަށާއި، އެކުދިން ތަމްރީނުކޮށް ތަރުބިއްޔަތުކުރުމުގެ މަސްއޫލިއްޔަތު އުފުލާބަޔަކީ މުދައްރިސުން ކަމަށެވެ.
އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުދައްރިސުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެމުން ގެންދާނެ ކަމަށެވެ.
އެއާއެކު ރައީސް ވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މުދައްރިސުންނަށް އަރުވާފައެވެ.
މުދައްރިސުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބައްޕައެއް، އަދި ބެލެނިވެރިއެއް ކަމަށެވެ. މުދައްރިސުން ނެތް މުޖްތަމައެއްގެ ކުރިމަގެއް، ތަހުޒީބެއް އަދި އުންމީދެއް ނޯންނާނެ ކަމަށާއި، މުދައްރިސުންގެ އެހީތެރިކަމާއި ހިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދިވަޑައިގެން ހެޔޮ ދުއާކުރައްވާ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ.
އޮކްޓޫބަރު 5ކީ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް އަންނަނީ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. އެގޮތުން ދަރިވަރުން މުދައްރިސުންގެ އަގު ވަޒަން ކުރުމުގެ ގޮތުން މުދައްރިސުންނަށް ކާޑު ދިނުމާއި ހަދިޔާ ދިނުމަކީ އާންމުކަމެކެވެ.