ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި ހައި ސްކޫލެއް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޫލަށް ވަނުމަށް ހިމެނޭ ޝަރުތުތަކުގެ ތެރޭގައި މިދިޔަ އަހަރު ނުވަތަ މި އަހަރުގެ ދިރާސީ އަހަރު ގްރޭޑު 10 ފުރިހަމަކުރުމާއި އަދި މިދިޔަ ޑިސެމްބަރު 31 އަށް 18 އަހަރު ނުފުރުން ހިމެނޭ ކަމަށެވެ.
އިތުރަށް އެ މިނިސްޓްރީން ބުނީ މިނިސްޓްރީގެ ވެބްސައިޓުން ފޯމު ހުށަހެޅޭނެ ކަމަށާއި، މި ސްކޫލުން ޖާގަ ލިބޭ ދަރިވަރުންނަށް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންގަމުންދާނެ ކަމަށެވެ.
މި ސްކޫލު މެދުވެރިކޮށް 10 ދާއިރާއަކުން ވޮކޭޝަނަލް ތަމްރީނު ދޭން ނިންމާފައިވާއިރު އެ ދާއިރާތަކަކީ:
-
އާކިޓެކްޗަރަލް ޓެކްނޮލޮޖީ އަދި ޑިޒައިން
-
އޮޓޮމޭޓިވް އިންޖީނިއަރިން
-
ކޭކު ޑެކަރޭޝަން
-
ސިވިލް އިންޖީނިއަރިން
-
ވަޑާމުގެ މަސައްކަތް
-
އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސް އިންޖީނިއަރިން
-
އިންފޮމޭޝަން ޓެކްނޮލޮޖީ
-
ފޮޓޯނެގުން
-
ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން
-
ކުދި ވިޔަފާރި މެނޭޖުކުރުން
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ މިއީ ދަރިވަރުންނަށް ލިބިގެންދާނޭ ރަނގަޅު ފުރުސަތެއް ކަމަށާއި، މި ތަމްރީނު ފުރިހަމަ ކުރުމުން ދަރިވަރުން ބޭނުންނަމަ ޑިޕްލޮމާ ނުވަތަ ޑިގްރީ ކޯހެއް ހެދުމަށް ޔުނިވާސިޓީ އަކަށް ދިޔުމަށް ނުވަތަ ވަޒީފާއަކަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އަދި މިނިސްޓަރު އިތުރަށް ވިދާޅުވީ އޭލެވެލް އަށް ވަދެވޭ ކްރައިޓީރިއާވެސް މިހާރު ދަށްކޮށްފައިވާ ކަމަށާއި އެއާއެކު މިފަދަ ފުރުސަތުތައްވެސް ގިނަ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަމާޒަކީ ދަރިވަރުން ބާކީކުރުމުގެ ސަގާފަތް ނައްތާލުމާ އެއްކޮށް އުފެއްދުންތެރި، އިސްލާމްދީނާއި ގައުމުދެކެ ލޯބިވާ ޒުވާނުން އުފެއްދުން ކަމަށެވެ.