ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއެކު މިއަދު ހަވީރު ސިޓްރަން ރެސްޓޯރަންޓްގައި ބޭއްވި ހާއްސަ ސައިފޮދެއްގައި ބައިވެރިވެވަޑައިގެން ޓީމުގެ ކުޅުންތެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ފުޓުބޯޅައަކީ ހުރިހާ ދިވެހިން އަދި އެމަނިކުފާނުވެސް އެންމެ ޝައުގުވެރިވެވަޑައިގަންނަވާ އަދި ބައްލަވާހިތްޕުޅުވާ ކުޅިވަރުކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުންވާ ކޮންމެ ކަމެއްގައި ކުޅުންތެރިންނަށް އެހީތެރިވެދެއްވާނެ ކަމަށެވެ.
ރައީސް ވަނީ ކުޅިވަރު ކުރިއެރުވުމުގައި ރާއްޖޭގެ ފުޓުބޯޅައަށް ޚާއްޞަ އަހައްމިޔަތުކަމެއް ދެއްވާނެކަމަށާއި، އެގޮތުން މިހާރުވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ތަރައްގީކޮށްދެމުން އަންނަ ކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ސައުތު އޭޝިއަން ސުޕާ ކަޕް 2025 ކާމިޔާބުކުރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ ކުރިއަށްއޮތް ތަނުގައިވެސް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުޅުންތެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
ފާހަގަކުރެވޭ ގޮތުގައި ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން އެ ގައުމުގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކޮށް ގައުމީ ޓީމު އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މި މެޗު ރާއްޖެއިން ކާމިޔާބު ކުރީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މިއީ 2018 ވަނަ އަހަރަށް ފަހަރު ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެ ތައްޓެއް އުފުލާލި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބައިނަލްއަގުވާމީ ޓްރޮފީއެއް ލިބުނީ 2018 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސާފް މުބާރާތުގައެވެ. މިއީ ފީފާ ސްޓޭންޑަޑް މުބާރާތެއް ނޫން ނަމަވެސް ފުޓްބޯޅަ އަޑި އަޅާލާފައިވާ މި ދަނޑިވަޅުގައި މިއީ ގައުމީ ޓީމުން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ