މިއަހަރު ނިމުމުގެ ކުރިން އައްޑޫ ސިޓީ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހުޅުވޭނެ ކަމަށް، ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގަ ބުނީ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މި އަހަރު ނިމުމުގެ ކުރިން އަލުން ހުޅުވަން އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމަންޓުން އެއްބަސްވެފައިވަނީ ސަރުކާރުން އެ ކުންފުންޏާ އެކު ކުރި މަޝްވަރާތަކަކަށް ފަހު ކަމަށެވެ.

މި ވަގުތު މިނިސްޓްރީގެ މުވައްޒަފުންގެ ޓީމެއް ޝަންގްރިއްލާގެ ކޮޓަރިތަކާއި ފެސިލިޓީތަކުގެ ހާލަތު ދެނެގަތުމަށް އެ ތަނަށް ގޮސް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނައިރު މިނިސްޓްރީން ބުނީ އެ ރިސޯޓު ބަންދުކުރުމާ ހަމައަށް 500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރި ރިސޯޓަކަށް ވާތީ، އެތަން އަލުން ހުޅުވުމުން އައްޑޫގެ އިގުތިސާދަށް ކުރިއެރުން އަންނާނެ ކަމަށެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ބުނީ ޝަންގްރިއްލާ އަލުން ހުޅުވަން ޝަންގްރިއްލާ އާއި އައްޑޫ އިންވެސްޓްމަންޓުން އެެއްބަސްވެފައިވާތީ އެ ދެ ކުންފުންޏަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭ ނިންމަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމައި، މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ހުޅުވޭނެކަމަށް މިނިސްޓްރީން ބުނެފައިވާއިރު މީގެ ކުރިންވެސް އެ ރިސޯޓު ހުޅުވުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.