މަސްވެރިންގެ އަޑުއަހައި މަސްވެރިން ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިކަމުގެ ޔަގީންކަން ދެއްވީ ކެއުޅުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ކެއުޅުންނާ ބައްދަކުރެއްވި ތިންވަނަ ފަހަރެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި، ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ، މަސްކިލޯއެއް ގަންނަ އަގު ވިހި ރުފިޔާއަށް ބޮޑުކުރާނެ ތާރީހަކާއި ގުޅޭ މައުލޫމާތު ސާފުކުރާށެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރި އިތުރު ކަންކަމުގެ ތެރޭގައި، ރާއްޖޭގެ އެންވެރިކަން ދަށްވުމާއި، މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމަށް ދިމާވާ ދަތިތައް ހިމެނެއެވެ. މީގެއިތުރުން މިފްކޯގައި މަސް ކިރުމަށް ހުންނަ ކައްޓާތައް ޑިޖިޓަލް ކައްޓާއަށް ބަދަލުކުރުމަށް ކެއުޅުން އެދިފައި ވެއެވެ. އެގޮތުން ރާއްޖޭގައި މިހާރު އެންވެރިކަން އެންމެ ރަނގަޅު އަތޮޅަކީ ވ. އަތޮޅު ކަން ފާހަގަކޮށް ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުގައި މަސްވެރިކަމާއި މަސްކިރުވުމުގައި ހުރި ދަތިތަކުގެ މައުލޫމާތު ކެއުޅުން ވަނީ ހިއްސާކޮށްފައެވެ. މީގެކުރިން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކޮށް ކެއުޅުން ހިއްސާކުރި ބައެއް ކަންކަމާއި، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރާ ކަންކަން ފާހަގަކުރައްވައި، އިތުރަށް ރަނގަޅުކުރަން ބޭނުންވާ ކަންކަން ވެސް ކެއުޅުން ވަނީ ހިއްސާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސް ގަންނަ އަގު ބޮޑު ކުރެވޭނީ، މަސްކިރާތާ ސާޅީސް އަށް ގަޑިއިރު ތެރޭ ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑޭނެ ކަން ޔަގީންވެ، ކަންކަން އެގޮތަށް ހަމަޖެހުމުން ކަމަށެވެ. ނަމަވެސް މަސް ގަންނަ އަގު ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭ ގޮތް ފަސޭހަކޮށް ދެއްވުމާއި، ހުށަހަޅަން ޖެހޭ ލިޔެކިޔުން މަދުކުރެވޭނެ ގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނީ މަސްވެރިންނާއި މަޝްވަރާ ކޮށްގެން، މަސްވެރިންގެ ހިޔާލާއި އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޓީއޯއިން ތެޔޮވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލް މި ބައްދަލު ކުރެއްވުމުގައި ކެއުޅުންނާ ހިއްސާ ކުރެއްވިއެވެ. އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހަށް ނިންމުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފްކޯއިން ތެޔޮވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލު ވެސް މި ބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް، ވީހާވެސް އަވަހަށް ކަންކަން ކުރައްވައި، މަސްވެރިންނާ އަދި ކެއުޅުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.