ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ މައްސަލައިގެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، އަބްދުﷲ މައުމޫން 2016 ވަނަ އަހަރު މޯލްޑިވް ގޭސްގެ އެމްޑީއަކަށް ހުންނެވި އިރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުލަތުން ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން 2 ދައުވާގެ ހުކުމް މިއަދު ކޮށްފައިވާ ކަމަށެވެ. އެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރާއި 9 މަހާއި 18 ދުވަހަށް އޭނާ ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައި ކަމަށް ޕީޖީ އިން ބުނެއެވެ.
އަދި ބާކީ ފަސް ދައުވާގެ ހުކުމް އެހެން ދުވަހެއްގައި ކުރިއަށް ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ބޮޑު އަދަދަކުން ރިޝްވަތު ނެގުމުގެ މައްސަލައެއްގައި، އަބްދުﷲ މައުމޫން (ގޭސް މާނު)ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީއިން ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި މައުމޫން އެ ކުންފުނިން 3.1 މިލިއަން ރުފިޔާ ނަގާފައިވާކަން، އޭސީސީގެ ތަހުގީގުން ވަނީ އެނގިފައެވެ.
އަބްދުﷲ މައުމޫންއަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއްކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން މި އޮފީހަށް މައުލޫމާތުދީފައިވާތީ ދައުވާލިބޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް ވީ އެންމެ އަވަސް ތާރީހަކަށް ތާވަލުކޮށްދިނުމަށް ޕީޖީން ކޯޓުގައި އެދިފައި ވެއެވެ. އަދި މައުމޫން ކޯޓަށް ހާޒިރުވުމަށް ދެކޮޅު ހަދާނަމަ އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ނެރުމަށް ވެސް ކޯޓުގައި އެދިފައިވެއެވެ.
މައުމޫނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38 ރުފިޔާ ނަގާފައިވާ މައްސަލައިގައި 7 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައި ދިނުމުގެ ކުށުގެ ދައުވާ އާއި ގާނޫނުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އެވެ. މީގެ އިތުރުން ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.