ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް ސައިކަލަކުން ޖެހި އެކްސިޑެންޓުވެ، މީހަކު މަރުވި މައްސަލައިގައި ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، އުމުރުން 37 އަހަރުގެ މުހައްމަދު ނައުސާންގެ މައްޗަށެވެ.

ފުލުހުން ބުނީ މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ޕީޖީ އޮފީހުން އިއްޔެ އެ މައްސަލަ ބަލައިގެންފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މުހައްމަދު ނައުސާން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ އޭނާއަކީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެކިފަހަރުމަތިން ޖޫރިމަނާކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި އަންހެނެކެވެ.