ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭގައި ގާއިމްކުރި 4،000 ފްލެޓްގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފިއެވެ.
ތަޅުދަނޑި ހަވާލުކުރަން ފެށުމަށް އިއްޔެބޭއްވި ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ ފްލެޓް ލިބުނު ފަރާތަކަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްދެއްވާފައެވެ.
ހަމްދާން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ގާއިމްކުރި އެ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަނީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް ކަމަށެވެ. މިހާތަނަށް 588 ފަރާތަކުން ވަނީ ޑިޕޮސިޓް ފައިސާ ދައްކާފައެވެ.
އެފްޑީސީއިން ބުނީ އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސް ޓަވަރު 14 އިން ޔުނިޓު ލިބުނު ފަރާތްތަކަށް ކަމަށެވެ. އެ މަސައްކަތް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00އަށް ކުރިއަށްގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ތަޅުދަނޑި ހަވާލުކުރުމުގެ މަރުހަލާ އަދި ހަވާލުކުރާ ދުވަސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެ ކަމަށް އެފްޑީސީއިން ބުނެފައިވެއެވެ.
އެފްޑީސީއިން ވަނީ އެ ކޯޕަރޭޝަންގެ ޕޯޓަލް މެދުވެރިކޮށް ބޮޑެތި ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް ހާއްސަ އިންތިޒާމެއް ހަމަޖައްސާފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އެ ހިދުމަތް ލިބިގަތުމަށްޓަކައި، ޕޯޓަލް މެދުވެރިކޮށް ކުރިއާލާ ބުކިން ހެދުމުގެ ފުރުސަތުވެސް އޮތް ކަމަށް އެފްޑީސީއިން ވަނީ ބުނެފައެވެ.
އެފްޑީސީއިން ބުނީ އިމާރާތުގައި ތަކެތި ބެހެއްޓުމަށް ހާއްސަކުރެވިފައިވާ ޖާގަ ބުކްކުރުމަށްފަހު، އެ ސަރަހައްދުގައި ތަކެތި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޓަވަރުތަކުގައި މީހުން އާބާދުކުރުމުގެ މަރުހަލާ މިގޮތަށް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގުސަދަކީ އާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު، ޓަވަރުގެ އާންމު ސަރަހައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް، ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި މި މަރުޙަލާ ފުރިހަމަކުރުން ކަމަށް އެފްޑީސީއިން ބުނެފައިވެއެވެ.
ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަމްދާން ވަނީ "އަމާން އަތްމަތީ ފޮތް" ވެސް އިފްތިތާހު ކޮށްދެއްވާފައެވެ.