މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ އެ އަދަބު ދޭ ތަން ތައްޔާރު ކުރުމާއި އެކަމުގައި އުޅޭ މުވައްޒަފުން ތަމްރީން ކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު މަރުގެ އަދަަބު ތަންފީޒު ކުރާނެ ކަމަށް ބުނެފައިވާ އިރު، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން ކުރާ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ނޫސްވެރިއަކު ވަނީ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، މަރުގެ އަދަބުގައި ތަކުރާރު ކޮށް ކުރިން ވެސް އެ އަދަބު ތަންފީޒު ކުރާނެ ކަމަށް ދަންނަވާފައި ވާނެ ކަމަށެވެ. ހަމައެއާއެކު މިނިސްޓަރާއި، އެޓާނީ ޖެނެރަލްއާ އެކު ރާއްޖޭގެ ހިއުމަންރައިޓްސް ރިވިއުގައި ބައިވެރިވެވަޑައިގެން ވަރަށް ސާފުކޮށް ރާއްޖެއަކީ އިސްލާމީ ގައުމެއް ކަން ބަޔާން ކުރެއްވި ކަމަށާއި ރާއްޖޭގައި ކަނޑައެޅޭ ހުކުމްތައް އިސްލާމް ދީނުގައި އޮންނަ ގޮތަށް ތަންފީޒު ކުރާނެ ކަމަށް ވެސް ބަޔާން ކުރެއްވި ކަމަށް އިހްސާން ވިދާޅުވިއެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމައްޓަކައި ބަލަން ޖެހޭ މިންގަނޑުތަކެއް އެބަ ހުރި ކަން އިހުސާން ފާހަގަ ކުރެއްވިއެވެ. އެގޮތުން އެމީހެއްގެ ކޯޓުގެ ހުރިހާ މަރުހަލާތައް ނިމޭއިރު އެމީހާއަށް ދެވޭ އަދަބަކީ އިޔާދަނުކުރެވޭ އަދަބެއް ކަމަށް ވާތީ ބަލަންޖެހޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން މި ކަންކަން ބަލައި ނިމިފައިވާ ކަމަށާއި އަދި ސުވާލު ނޫފެދޭ މިންވަރަށް ދެ މީހެއްގެ މައްސަލަ އެބަ އޮތް ކަން އިހުސާން ފާހަގަ ކުރެއްވިއެވެ. އަދި މަރުގެ އަދަބު ދޭން ކަނޑައަޅާފައި ދެން ތިބި މީހުންގެ މައްސަލަތަަކަށް ބަލާއިރު، ގާނޫނީ ފުށުއެރުންތަކެއް އެބަ ހުރި ކަން އިހުސާން ފާހަގަ ކުރެއްވިއެވެ.

މި ކަން ހާސިލް ވެފައިވާ އިރު، ދެން އޮތީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ މަރުހަލާ ކަމަށާއި އެކަމަށް ސަރުކާރުން ވާންޖެހޭ ތައްޔާރީތަކެއް ވެސް އެބަ ހުރި ކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން މަރުގެ އަދަބު ދޭ ތަން ތައްޔާރު ކުރުމާއި މުވައްޒަފުން ތަމްރީން ކުރުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިހާރު މަރުގެ އަދަބު ދިނުމަށް އިއުލާން ކޮށްފައިވާ ގޮތަށް އެކަން ކުރާނެ ކަމުގެ ޔަގީން ކަން އިހުސާން ވަނީ ދެއްވާފައެވެ. މަރުގެ އަދަބު ތަންފީޒު ކުރަން ކުރާ މަސައްކަތް ނިމުނު އެންމެ އަވަހަކަށް އެ އަދަބު ތަންފީޒު ކުރާނެ ކަން އިހުސާން ވިދާޅުވިއެވެ. ނަމަވެސް އެ އަދަބު ތަންފީޒު ކުރެވޭނެ ތާރީހެއް ހާމައެއް ނުކުރައްވައެވެ.

ރާއްޖޭގައި މީހުން މެރުމުގެ ކުށް އާންމުވެފައި ވާއިރު މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒުކުރުމަށް މީގެ ކުރީގެ ސަރުކާރުތަކުން ވަނީ މަސައްކަތްތަކެއް ކުރަ އުޅެފައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުތައް ބެލުމުގެ ނަމުގައި މަރު ކޮމިޝަނެއް އެކުލަވާލެއްވުމަށް ފަހު އެ ކޮމިޝަން ވެސް އުވާލައްވާފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރުވެސް ވަނީ އެ މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް އެކަމަށް އަލި މަގެއް ފެނިފައެއް ނުވެއެވެ.