ގަލޮޅު ސަހަރާގައި މިނިކަށިތައް ނަގާ ސާފުކޮށްފައިވާ ސަރަހައްދުގައި ބްރައިޑަލް ޝޯއެއް ބޭއްވުމުން ގިނަ ބަޔަކު މާލެސިޓީ ކައުންސިލަށް ފާޑުކިޔައިފިއެވެ.
މާލެސިޓީ ކައުންސިލުން ވަނީ ގަލޮޅު ސަރަހާގެ ހުޅަނގު އުތުރު ފަރާތާއި ދެކުނު ފަރާތު ސަރަހައްދުގައި ހުރި މިނިކަށިތައް ނަގައި އެތަން ސާފުކޮށް އާއްމުކޮށް ބޭނުން ކުރެވޭނެހެން އެތަން ތައްޔާރު ކޮށްފައެވެ. ރޭގެ ވަގުތެއްގައި އެ ހިސާބުގައި ހުންނަ ފިހާރައަކަުން ވަނީ ގަބުރުތައް ނަގާ ސާފުކޮށްފައިވާ ސަރަހައްދުގައި ބްރައިޑަލް ޝޯއެއް ބާއްވާފައެވެ.
މި ޝޯވް ބޭއްވުމުން އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ގަބުރުތައް ނަގާ އުކާލައި އެތަނުގައި އެފަދަ ޝޯއެއް ބޭއްވުމަކީ ގަބުރުތަކަށާއި، އާއިލާތަކަށް ވެވޭ ވަރަށް ބޮޑު އިހާނެތި ކަމެއް ކަމަށް އެއް ބަޔަކު ބުނެއެވެ. އަދި އެ ސަހަރާގެ ބައެއް ސަރަހައްދުތައް މިނިކަށިތައް ނަގާ ހުސްކޮށްފައި އޮތަސް އެ ސަހަރާ ތެރޭގައި ފަހުން ވެސް ވަޅުލާފައި ތިބި އެތައް ބައެއްގެ ގަބުރުތައް ހުރުމުން މިއީ އެ އާއިލާތަކަށް އެއްވެސް އިހްތިރާމެއް ނެތް ކަން ދައްކުވައިދިން ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރޭ ބޭއްވި މި އިވެންޓްގައި ބައިވެރިވި އެތައް ބަޔަކު އެތަނަށް ގޮސްފައިވާ އިރު މިޔުޒިކްގެ އަޑު ވެސް ވަރަށް ބާރަށް އިވެން ހުރި ކަމަށް އެއްބަޔަކު ބުނެއެވެ. އަދި މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެއްބަޔަކު އަންނަނީ ބުނަމުންނެވެ.
ޝޯ ބޭއްވި ސަހަރާއަށް ނިސްބަތްވާ އެ ސަރަހައްދަކީ މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތަނެކެވެ. ވިޔަފާރީގެ އުސޫލުން އެތަނުގައި ކަންކަން ބާއްވާ އިންތިޒާމް ކުރެވޭނީ ސިޓީ ކައުންސިލުން އެކަމަށް ހުއްދަ ދިނުމުންނެވެ. ނަމަވެސް މިކަމާ ގުޅިގެން ސިޓީ ކައުނސިލްގެ ކޮމެންޓެއް އަދި ލިބޭ ގޮތެއް ނުވެއެވެ.
މީގެ ކުރިން މާފަންނު ސަހަރާގައި ހުރި މިނިކަށިތައްނަގާ އެ ސަހަރާގެ ބިންގަނޑު ސާފުކުރުމަށް ފަހު އެތަނުގައި ބައިބަލާ ކުލޭ މައިދާނެއް އަޅަން މާލެ ސިޓީ ކައުންސިލުން އުޅުނު މައްސަލައެއްގައި ވެސް އާންމުންގެ ފާޑުކިޔުމާއި ނުރުހުން ވަނީ ކައުންސިލަށް އަމާޒުވެފައެެވެ.