ޓިކްޓޮކުގައި މަޝްހޫރު ފޭޒްލީން، ކަފާލާތަށް 10،000 ރުފިޔާ ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން މިފަދައިން އަމުރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ، ގދ. ތިނަދޫގައި ހުއްދަ ނެތި ގެއަކަށް ވަދެ، ކުޑަކުދިންތަކެއް ކުރިމަތީ ހުތުރުބަހުން ޒުވާބުކޮށް އިންޒާރުދިން މައްސަލައެއްގައި ފޭޒްލީން ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ ފުޓް ލައިޓްއާގެ، އުމުރުން 49 އަހަރުގެ އާމިނަތު ފޭޒްލީންއެވެ.

އެގޮތުން ކޯޓުން ވަނީ 10 ގަޑިއިރު ތެރޭ، ކަފާލާތަށް 10،000 ރުފިޔާ ކޯޓުގައި ބެހެއްޓުމުން ދޫކުރާ ގޮތަށެވެ. އަދި 10 ގަޑިއިރު ތެރޭ މި ފައިސާ ނުބަހައްޓައިފި ނަމަ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ބުދަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި އާމިނަތު ފޭޒްލީން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރުފަހު 2:30 ހާއިރު ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ ދިވެހިން މިހާރު ބޭނުންކުރަމުން އަންނަ ޓިކްޓޮކްގެ ލައިވްތަކުގައި ގިނަ ބަޔަކު އަންނަނީ ޒުވާބުކޮށް ހަޑިހުތުރު ބަސް ބަހުން މުއާމަލާތު ކުރަމުންނެވެ. މިއީ ފަހަކަށްއައިސް އިތުރުވެފައިވާ ކަންބޮޑުވާ މައްސަލައެކެވެ.