ތ. ކިނބިދޫ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައިވާ ގޮތަށް، އެއަތޮޅު ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރާއްޖޭގެ ހަތަރުއަތޮޅެއްގެ މީހުންދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކިނބިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ ކިނބިދޫ-ވޭމަންޑޫ ގުޅާލާ، ކޯޒްވޭ މަޝްރޫއު ކުރިއަށް ގެންދަވާނީ ފަތުރުވެރިކަން ފުޅާކުރެވޭ ގޮތަށް ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ޑިވެލޮޕަރެއް ހޯދުމަށް ހުޅުވާލާފައިވާކަން އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
މި މަޝްރޫއަކީ މުޅި ތ. އަތޮޅަށް މުހިއްމު ކުރިއެރުންތަކެއް ލިބޭނެ މަޝްރޫއެއްކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ކުރިއަށްގެންދާ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ މަޝްރޫއުގެ ދަށުން ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް މުހިއްމު ސަރަޙައްދެއްކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ހިއްކި ސަރަހައްދުން ގޯތި ދޫކުރުމާއި ސަރުކާރުން ހިންގާ ހައުސިން މަޝްރޫއު ފަދަ ތަރައްގީގެ މަސައްކަތްތަކާއި ގުޅޭ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައިވެސް، މި ކޯޒްވޭ ގުޅުމުން ދެ ރަށަށް އެކަމުގެ ފައިދާ ލިބޭގޮތަށް ރައްޔިތުންގެ މަޝްވަރާއާއިއެކު ކުރިއަށް ގެންދަވަން ބޭނުންފުޅުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ކިނބިދޫގެ ތަރައްގީއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރެއިން ތައުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމުގެ ޔަގީންކަންދެއްވައި، ކިނބިދޫގެ ރައްޔިތުންގެ ތަރައްގީއަށްޓަކައި، ރޭވިފައިވާ މަސައްކަތްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
މީގެ ކުރިން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ ކިނބިދޫ އާއި ވޭމަންޑޫ ގުޅާލާ ކޯޒްވޭގެ މަސައްކަތްކުރާ ބަޔަކަށް އެ ދެ ރަށުގެ ދެމެދުގައި އޮންނަ އެލާ، އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ކްރޮސް ސަބްސިޑީ އުސޫލުން އެ މަސައްކަތަށް ފައިނޭންސް ހޯދުމަށް އިއުލާނުކޮށްފައެވެ.