ތ. އޮމަދޫގެ އިހްތިސޯސްގައި ހިމެނޭ 2 ފަޅުރަށުން ދާއިމީގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮމަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ގާނޫނު އޮންނަ ގޮތުން އެއްވެސް ރަށެއްގެ އިހްތިސޯސްގައި އޮންނަ ރަށެއް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްގީނުކުރެވޭކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރުވެސް ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވަނީ އެއްބަސްވުމެއްގެ ދަށުން އެރަށެއްގެ އިހްތިސޯސްގައި ހިމެނޭ ރަށްތަކުން، ވަކި އިންސައްތައެއްގެ ފައިދާއެއް ކައުންސިލުތަކަށް ލިބޭގޮތަށް އޮތުން ކަމަށެވެ. އެހެންކަމުން، ގާނޫނީގޮތުން އެފަދަ ފުރުސަތެއް ހޯއްދަވައިދެއްވޭތޯ ބައްލަވަމުން ގެންދާ ކަމަށާއި އެ މަސައްކަތުގެ ދަށުން އޮމަދޫގެ އިހްތިސޯސްގައި އޮންނަ 2 ފަޅުރަށުން ދާއިމީގޮތެއްގައި ފައިދާ ލިބޭނެގޮތެއް ފެނޭތޯ ބައްލަވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އޮމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަކަން ފާހަގަކުރައްވާ އެކަން ލަސްވާ ސަބަބު އެމަނިކުފާނު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. އަދި މިހާރު މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން މަސައްކަތް ފަށައިގެން ކުރިއަށް ނުގެންދާނަމަ އެއްބަސްވުން ބާތިލުކޮށްގެން ވިޔަސް، ސަރުކާރުން އެމަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އޮމަދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލްގެ މަސައްކަތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާނެ ކަމަށާއި ސިއްހީ މަރުކަޒަށް މި އަހަރު އެމްބިއުލާންސެއް ލިބޭނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
މީގެއިތުރުން އަންނައަހަރުގެ ބަޖެޓުގައި ހިމަނައިގެން އާ މިސްކިތެއް އަޅާނެ ކަމަށާއި ވޮލީ ކޯޓެއް ތަރައްގީކުރުމާއި ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކޮށް، ރޭގަނޑު ކުޅެވޭގޮތަށް ދަނޑު ތަރައްގީކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.