އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމުގެ މަސައްކަތް އަބަދުވެސް ސަރުކާރުން ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވީ ހާދިސާއިން ހާސިލުވާ އިބްރަތްތައް ގިނަކަމަށާއި، އެ ދުވަހުއްސުރެ 9 ގަރުނު ފާއިތުވާން މިދަނީ ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ދިވެހީން ތިބެ ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހީން އަބަދުވެސް ތިބެނީ އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ، އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު އަޒުމާއެކު ކަމަށާއި، އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާއުގައި އިސްނަގާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ވޭތުވި 9 ގަރުނުގެ ތެރޭ، ދިވެހީންނާމެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިޚުން އެއްބަސްވާ އެއް ހަގީގަތަކީ ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ ސާފުތާހިރު އުޅުންހުރި ބައެއްގެ ގޮތުގައި ކަމަށާއި، ރާއްޖޭގެ ރީތިކަން ދުނިޔެއަށް ފެނިގެންދަނީ ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަހުލާގުގެ ރީތި ސިފަތަކާއެކު ކަމަށެވެ.
މީގެއިތުރުން އަންނަ އަހަރު ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ މުޅި ރާއްޖޭގައި އިސްލާމީ އަދި ގައުމީ ރޫހު އާލާކޮށް ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ހަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރާކަމުގައި ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ މީލާދީން 1954 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައެވެ.