ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އާދަމް ތައުފީގު އައްޔަންކުރައްވައިފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި އާދަމް ތައުފީގަށް މަރުހަބާ ކިޔާފައެވެ. ތައުފީގުގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ބޭފުޅަކު އެބަ ހުއްޓެވެ. އެއީ މުހައްމަދު އާރިފްއެވެ.

ފާހަގަކުރެވޭ ގޮތުގައި މިއަދު އައްޔަން ކުރި އާދަމް ތައުފީގަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ފެނަކައިގެ ޑީއެމްޑީއަށް އިތުރު ބޭފުޅަކު އައްޔަންކުރެއްވުމާއެކު ބައެއް ފަރާތްތައް އަންނަނީ އެކަމާ ފާޑު ކިޔަމުންނެވެ. އެއީ މިހާރުވެސް މުވައްޒަފުންގެ އަދަދު އިތުރުވެ ދަރަނިބޮޑުވެފައިވާ ކުންފުންޏަކަށް ވުމުންކަމުގައި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ރެކްރޫޓް ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތް ދީފައިވާ ގޮތުގެ ހާއްސަ އޮޑިޓެއް ހަދާ އާންމުކޮށްފައިވާއިރު، މި އޮޑިޓުގައި ވަނީ ފެނަކަ ކޯޕަރޭޝަންގެ ދާއިމީ މުވައްޒަފުންގެ އަދަދު އިތުރުވެފައި ވަނީ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާވެފައިވާ މިންވަރުގެ ތެރެއިން 2020 ވަނަ އަހަރުގެ ނިޔަލަށް ގާއިމްކޮށްފައިވާ ޖުމްލަ 97،038 ކަރަންޓާއި ފެނާއި ނަރުދަމާގެ ކަނެކްޝަންގެ އަދަދަށް ބެލުމަށްފަހު ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ކުންފުނީގެ ދާއިމީ ވަޒީފާތަކަށް 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 4557 މުވައްޒަފުން ވައްދާފައިވާ އިރު، ވަޒީފާ ދިނުމަށް އާންމުކޮށް އިއުލާން ނުކޮށް 2480 މުވައްޒަފުންނަށް ދާއިމީ ވަޒީފާ ދީފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.