ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި އަގުބޮޑުކުރީ އާމްދަނީ ހޯދަން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުލީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިނގިރޭޓާއި ދުންފަތުން ލިބޭ ފައިސާ މިހާރު ކަނޑައަޅާފައި ވަނީ ޕްރިވެންޓިވް ހެލްތްކެއާގެ މަޝްރޫއުތަކަށް ކަމަށާއި އެ ތަކެތި އަގުބޮޑުކުރީ އާމްދަނީ ހޯއްދަވަން ނޫން ކަމަށެވެ.

އަދި ހަމަ އެހެންމެ 2007 ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށާއި އަދި ކުރިއަށް އޮތްތާ އުފަންވާނެ ކުދިންނަށް ރާޢްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރީ ގާނޫނަކުންކަން ފާހަގަ ކުރައްވާ ރައީސް ވަނީ ނޮވެންބަރު 1 އިން ފެށިގެން އެކަން ތަންފީޒުކުރަން ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

"އެއީ މި ކުދިން ސަލާމަތް ކުރުމަށްޓަކައި އެޅި ފިޔަވަޅެއް. ވަރަށް ގިނަ ފަހަރަށް މަސްތުވާތަކެއްޗަށް ދަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއިން." ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ތަރައްގީ ގެންނަނީ މާނަހުރި ތަރައްގީއަކާއި ވަށާޖެހޭ ތަރައްގީއެއްގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމާއި، ފަރުދީގޮތުން މުއްސަނދިކަން ހޯދައިދިނުމާ ސިއްހީ ގޮތުން ދުޅަހެޔޮ މުސްތަގްބަލެއް ހޯދައިދިނުމާއި، ފިކުރީ ގޮތުން، ވިސްނުމުގެ ގޮތުން އަހްލާގީ ގޮތުން ގައުމު ހެޔޮ މަގަށް އެޅުވުމާ އަދި އުމްރާނީ ގޮތުން ގައުމަށް ކުރިއެރުން ހޯދައިދިނުމާއި، އިޖުތިމާއީ ގޮތުން އެކިއެކި މަޝްރޫއުތައް ހޯދައިދިނުމާއި، މި ވަށާޖެހޭ ތަރައްގީ ގެނެވިގެންދާނެ.
ރައީސް

މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.

ވޭޕް މަނާ ކުރުމާއި ދުންފަތުގެ ޖެނެރޭޝަނަލް ބޭންގެ ގާނޫނަށް އަމަލު ކުރުމަށް ތައްޔާރުވަމުންދާއިރު އެފަދަ އިޖްތިމާއީ މައްސަލަތައް ހައްލު ކުރުމަށް މި ސަރުކާރުން ގެންދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.