ރޭ ހުޅުމާލެއިން ކަރަންޓު ކެނޑިފައި ވަނީ ބަޔަކު ސަބްސްޓޭޝަނަކަށް ގެއްލުންދޭން އުޅުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ރޭ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ ހުޅުމާލެ ފޭސް 2، ވިނަރެސް، ހިޔާ އަދި އެމްޕީއެލްގެ ބައެއް ޓަވަރުތަކުންނެވެ.

މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ސްޓެލްކޯއިން ބުނީ އެ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ ހުޅުމާލެ ފޭސް 2ގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާގެ ބައެއް އޮފްވެގެން ކަމަށެވެ.

އެގޮތުން ރޭ މެންްދަމު 3:30 ހާއިރު ކަރަންޓުގެ ހިދުމަތް މެދުކެނޑުނުއިރު، ކަރަންޓުގެ ހިދުމަތް އަނބުރާ ދެވިފައި ވަނީ ފަތިހު 4:56 ހާއިރު ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ އެ ސަބްސްޓޭޝަނަށް ގެއްލުންދިން މައްސަލަ ކަމާ ބެހޭ ފަރާތަށް ހުށަހަޅައި، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެފަދަ މައްސަލަތައް ގެނައުމަށް އެ ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށެވެ.

މުޖުތަމައުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ، އަދި އަމިއްލަ ފުރާނައަށްވެސް ނުރައްކާތެރި އެފަދަ އަމަލުތައް ހިންގާ ފަރާތްތަށް ހުއްޓުވުމަށާއި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާ ކުރަމުން ގެންދިއުމަށް ވެސް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.