މާރާމާރީއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް, ޑޮކްޓަރުންނާއި ނަރުހުންނަށް މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު ހައްޔަރު ކޮށްފައިވަނީ, ގދ. ވާދޫ، ފުރުސަތު, ލޫތު އިބްރާހީމް (28އ) އެވެ.
ފުލުހުން ބުނީ އޭނާ އައިޖީއެމްއެޗްގައި އެޑްމިޓްކުރީ މިދިޔަ ހަފުތާ އާދިއްތަ ދުވަހުގެ ފަތިހު ހިނގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކާ ގުޅިގެންކަމަށެވެ. ހަމަ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އޭނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދީ ބިރު ދައްކައިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާގެ ޖީބުން ވަޅިއެއްވެސް ފެނިފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ މި މަހުގެ 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވާކަމަށެވެ.
އިތުރަށް ފުލުހުން ވަނީ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.