ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް މުދާ އުފުލާ އެއާޕޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ތާރީހީ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި ވީއައިއޭ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ މިންވަރު ވަނީ 2,000 ޓަނަށްވުރެ މައްޗަށް ގޮސްފައިކަމަށާއި، މިއީ އެއާޕޯޓުގެ ހަޔާތުގައި މަހެއްގެ މައްޗަށް މިފަދަ ބޮޑު މިންވަރަކަށް ކާގޯ ހޭންޑްލް ކުރެވުނު ފުރަތަމަ ފަހަރުކަމަށެވެ.

އެމްއޭސީއެލް އިން ބުނީ މި އާ ރެކޯޑާއެކު މީގެ ކުރިން ވީއައިއޭ އިން ހާސިލުކޮށްފައިވާ ހުރިހާ ޓްރާންޝިޕްމަންޓް ރެކޯޑުތަކެއް ވަނީ މުގުރާލާފައިކަމަށަވެ.

މި ބޮޑު ކުރިއެރުން ހާސިލުކުރެވިފައިވަނީ އެއާޕޯޓުން ފޯރުކޮށްދޭ ސީ ޓު އެއާ އަދި އެއާ ޓު އެއާ ކާގޯ އޮޕަރޭޝަންތަކަށް އައި ބޮޑު ތަރުހީބުގެ ސަބަބުންކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އިތުރަށް އެމްއޭސީއެލް އިން ބުނީ މި މުއްދަތުގެ ތެރޭގައި ސީ ޓު އެއާ ހިދުމަތުން އެކަނިވެސް 621 ޓަނުގެ މުދާ ވަނީ ދުނިޔޭގެ އެކި މާކެޓުތަކަށް ފޮނުވާފައިވާކަމަށާއި، މިއީ މި ހިދުމަތް ރާއްޖޭގައި ތައާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރުކަމަށެވެ.

މި ކުރިއެރުންތަކުން ދައްކުވައިދެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އޭޝިއާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ބޮޑެތި މާކެޓުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.