ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން މިއަދު މާލޭގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގައިފިއެވެ.

މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ކެފޭ އާއި ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް "ޓާސްކް ފޯސް" އިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މިއަދުގެ އޮޕަރޭޝަނުގައި މާލޭގެ ޖުމްލަ 6 ސަރަހައްދަކުން 28 ބިދޭސީއަކު ހުއްޓުވައި، އެމީހުންގެ ލިޔެކިޔުންތައް ވަނީ ބަލައި ފާސްކޮށްފައެވެ. މިގޮތުން ބެލި ބެލުމުން، އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު ފާހަގަކުރެވި، އެމީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި މަހު ހިންގި އެހެނިހެން އޮޕަރޭޝަންތަކަށް ބަލާއިރު، މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި 'މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް' (އެމްއެމްސީޕީ) ގެ ދަށުން 11 ބިދޭސީއަކު ޗެކްކޮށް، އޭގެ ތެރެއިން އެކަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މަހުގެ 14 ވަނަ ދުވަހު މާލޭގެ 9 ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު 10 ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ.

މި މަހު ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަނަކީ މި މަހުގެ 11 ވަނަ ދުވަހު ކ. ތިލަފުށީގައި ކުރިއަށްގެން ދިޔަ ހާއްސަ ރެއިޑެވެ. އެ އޮޕަރޭޝަނުގައި 836 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފުވި 32 މީހަކު ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން މި މަހުގެ 8 ވަނަ ދުވަހު މާލެ އާއި ހުޅުމާލޭގައި ހިންގި ހަރަކާތުގައި 7 ބިދޭސީއަކު އަދި 5 ވަނަ ދުވަހުގެ ރޭ ހުޅަނގު ބަނދަރު ފުޑް ކޯޓު ސަރަހައްދުން 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި އަތޮޅުތެރޭގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.