ވ. ފުލިދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރައްޔިތުންގެ މައްސަލައެއް ނެތްކަމުގެ ސިޓީއަކުން އެންގުމުންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފުލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ އާބާދީއަށް ބޭނުންވާ ވަރަށް ބިން ނެތް އެ ރަށުގައި ދިރިއުޅުމުގެ ބޭނުމަށް ބިން ނުދެވޭތާ 15 އަހަރުވެފައިވާ ކަމަށާއި، އެރަށުގެ ބަނދަރުގެ މަޝްރޫއުއާ ގުޅުވައި ބިން ހިއްކުމަކީ ރައްޔިތުން އެންމެ ބޭނުންވާ އެއް މަސައްކަތް ކަން އިނގިލައްވާ ކަމަށެވެ.

އެއާއެކު ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރައްޔިތުން އެކަމަށް ބޭނުންވާކަން ހާމަކޮށް ސިޓީ ފޮނުވުމުން ކަމަށާއި، އެއީ މިފަހުން ބިން ހިއްކުމަށް ހަވާލުކުރިފަހުން މަޝްރޫއު ކުރިއަށް ނުގެންދެވުމުންކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ބ. ދޮންފަނު ބިން ހިއްކަން ސަރުކާރުން ނިންމުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާއެކު އެ މަޝްރޫއު ހުއްޓާލިއެވެ. އެއާއެކު ދޮންފަނުގެ ގިނަ އަދަދެއްގެ ރައްޔިތުން ކައުންސިލު އިދާރާ ކުރި މައްޗަށް އެއްވެ ދޮންފަނު ބިން ހިއްކުން ހުއްޓާލުމަށް ނިންމި ނިންމުމާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ.

މި މަޝްރޫއު ކުރިއަށް ނުގެންދަވަން ނިންމެވީ އެ މަޝްރޫއުގެ ސަބަބުން ބ.އަތޮޅުގެ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކޮށްފައިވަނިކޮށެވެ.

ރައީސް ވިދާޅުވީ ފުލިދޫގެ ރައްޔިތުން ބިން ހިއްކަން ބޭނުންވާކަން ސިޓީއަކުން އެންގުމުން ދޮންފަނުގައި ދިމާވި ފަދަ ހާދިސާއެއް ދިމާނުވާނެ ކަމަށެވެ. މިއަދު ރައީސް މުއިއްޒު ވަނީ ފުލިދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުވެސް ޝަރަފުވެރިކޮށްދެއްވާފައެވެ. މި މަޝްރޫއާއެކު ރަށަށް ލަފާފުރަން ބޭނުންވާ ފަރާތްތަކަށާއި، މުދާ އުފުލާ ފަރާތްތަކަށް އަދި އެންމެހާ ރައްޔިތުންނަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.