މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލު އިސްލާހުތަކަކާއެކު ދާދި ދެންމެއަކު 60 ވޯޓައެކު މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހަށް މި ބިލު ހުށަހެޅުމުން، ބައެއް ނޫސްވެރިން ވަނީ ބިލުގެ ސަބަބުން ނޫސްވެރިކަން ކުރުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅުނު އިސްލާހުތަކާ އެކު، ބިލަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުގެ މަތިން ގެނައި އެންމެ މުހިންމު އެއް ބަދަލަކީ މީޑިއާ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގެ އުސޫލަށް ގެނައި ބަދަލެވެ.

ކުރިން، ކޮމިޝަނަށް އައްޔަން ކުރާ މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައި އޮތް ނަމަވެސް، މިހާރު ގެނައި އިސްލާހާ އެކު، މި ތިން މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލިހުންނެވެ. އަދި ބާކީ ތިބި ހަތަރު މެމްބަރުން އައްޔަން ކުރާނީ މީޑިއާތަކުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި ވަނީ ކޮމިޓީން އުނިކޮށްފަ އެވެ. އަދި މީސް މީޑިއާ (ފޭސްބުކް، އެކްސް ފަދަ ޕްލެޓްފޯމްތައް) ބޭނުންކުރާ ނުވަތަ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ވެސް މި ބިލު ހިނގާނެ ކަމަށް ބުނާ މާއްދާތައް ވެސް ބިލުން ވަނީ ވަކިކޮށްފަ އެވެ.

މި ބިލު މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ފުރިހަމަ ތާއިދާއެކުއެވެ. ޖަލްސާ ފެށުމާއެކު އިދިކޮޅު އެމްޑީޕީ މެންބަރުން އަޑުގަދަކޮށް ޖަލްސާ ކުރިއަށް ގެންދިއުމަށް ދަތިވުމުން ބައެއް މެންބަރުން ވަނީ ނަން އިއްވާ ތަޅުމުން ބޭރުކޮށްފައެވެ. އެގޮތުން ތަޅުމުން ބޭރުކުރި މެންބަރުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްް ހިމެނެއެވެ.

މި ބިލަށް މީކާއީލް އާއި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ އިސްލާހުތަކެއް ހުށަހަޅާފައެވެ. އެކަމަކު މީކާއީލް ނަން އިއްވާ ބޭރުކުރުމާއެކު އޭނާ ހުށަހެޅުއްވި ދެ އިސްލާހަށް ވޯޓަށް އަހާފައި ނުވެއެވެ. މަމްދޫހު ހުށަހެޅި 4 އިސްލާހަކަށް ވޯޓަށް އަހާފައިވާއިރު ހުރިހާ އިސްލާހުތަކެއް ވެސް މަޖިލީހުގެ އަޣުލަބިއްޔަތާއެކު ވަނީ ފާސްކޮށްފައެވެ.

އަދި މުޅި ބިލަށް ވޯޓަށް އެއްސެވިއިރު، މި ބިލް ފާސް ކުރަން ފެންނަ ކަމަށް 60 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. މި ބިލް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު މީޑިއާތައް ރެގިއުލޭޓް ކުރަން ވަކި ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް މިރޭ ފާސްކުރިއިރު މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން ދަނީ މަޖިލިސް ކައިރީގައި ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

މި ބިލު ތަސްދީގު ކުރުމުން މީޑިއާ ރެގިއުލޭޓް ކުރާނީ ރައީސް މުހައްމަދު މުއިއްޒު ތިން މެންބަރުން އައްޔަން ކުރާ، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ.