ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަން ކުރެއްވި މުހައްމަދު ނާސިހު ކޮމިޝަންގެ ނައިބު ރައީސްކަމަށް، އަދި މިހާރު އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު މުޖުތާޒު އެ ކޮމިޝަންގެ ރައީސް ކަމަށް އައްޔަންކޮށްފިއެވެ.

މުޖުތާޒާއި ނާސިހަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ އިއްޔެއެވެ. އެ ހުށަހެޅުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާ ކުރުމަށްފަހު ދެބޭފުޅުންނަށް ވެސް އިއްޔެ ވަނީ ރުހުންދީފައެވެ.

އެ ދެބޭފުޅުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި މުޖުތާޒަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ނާސިހަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 65 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓުދެއްވައިގެންނެވެ. ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

އަދި މިއަދު ވަނީ ކޮމިޝަނުގެ ރައީސް ކަމަށް، މުޖްތާޒް އަދި އެ ކޮމިޝަނުގެ ނައިބު ރައީސް ކަމަށް، ނާސިހް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައެވެ.

ސީއެސްސީގެ މެންބަރުކަމަށް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުޖުތާޒު، މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު އައްޔަންކުރުމަށް ފަހު އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް އޭނާ އައްޔަންކޮށްފައި ވަނީ އެ މަހުގެ 30 ވަނަ ދުވަހުއެވެ.

ސީއެސްސީގެ ނައިބަކަށް އައްޔަން ކުރެއްވި ނާސިހް މިހާރު ހުންނެވީ އެ ކޮމިޝަނުގެ ރައީސަކަށެވެ. އޭނާ އެކޮމިޝަނަށް އައްޔަންކުރީ 2020 ވަނަ އަހަރު އެވެ.