މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކުރަން ގޮވާލައި، 151 ނޫސްވެރިންގެ ސޮޔާއެކު ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ހުށަހަޅާފައި ވާއިރު، އެ ޕެޓިޝަން ބޭރުކޮށްލައިފިއެވެ.

މިކަމާ ގުޅިގެން ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީން ނޫސްވެރިންގެ ޕެޓިޝަން ބޭރުކޮށްލީ އެކަން ކުރުމުގެ އިހުތިޔާރެއް ކޮމިޓީއަށް ނުލިބޭ ކަމަށް ބުނެއެވެ. މިއަދު ހަވީރު 4:00ގައި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއްވެސް ތާވަލު ކޮށްފައި ވާއިރު، މި ޕެޓިޝަން ބޭރުކޮށްފައި ވަނީ މަޖިލީހުގެ ބޭރުގައި ނޫސްވެރިން އިހްތިޖާޖު ކުރަމުން ދަނިކޮށެވެ.

މި ޕެޓިޝަން ބޭރުކުރުމަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަބްދުއްރަހްމާނެވެ. އޭނާ ވަނީ ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކާއެކު ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. މި ހުށަހެޅުއްވުމަށް މަޑަވެލި ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝަމީޒު ވަނީ ތާއީދު ކުރައްވާފައެވެ.

މި ކޮމިޓީގައި ތިއްބެވި 7 މެމްބަރުންގެ ތެރެއިން 5 މެމްބަރުން މި ބިލު ބޭރުކުރުމަށް ތާއީދު ކުރައްވާފައި ވާއިރު 1 މެމްބަރަކު ވަނީ ބިލު ބޭރުކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި 1 މެމްބަރަކު މި ވޯޓުގައި ބައިވެރިވަޑައިނުގަންނަވައެވެ.

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން މި ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކާއެކު ނޫސްވެރިންގެ އެންމެ ބޮޑު ކަންބުޑުވުމަކަށްވާ ކަންކަމަށްވެސް ހައްލު ލިބިގެންދާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމު މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށް ހުށަހަޅާފައި ވާކަމަަށާއި، ކޮމިޝަނުގެ ރައީސް އައްޔަން ކުރުމުގައި ރައީސްގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17، 19، އަދި 20 ވަނަ މާއްދާ އިސްލާހު ކުރުމަށްވެސް ހުށަހަޅާފައި ވާކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.