މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވުމަށް ނިންމި ޖަލްސާ ހަވީރު 4:00 ގައި ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މެމްބަރުންނަށް ފޮނުވާފައިވާ މެސެޖުގައި ވަނީ ދަައުރުން ބޭރުން ބާއްވާ މި ޖަލްސާ އޮންނާނީ ހަވީރު 4:00 ގައި ކަމަށާއި، އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށް ބުނެފައެވެ.
އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި ގޮތަށް މިއަދު އޮންނަ ދައުރުން ބޭރު ޖަލްސާގައި 'މީޑިއާ ރެގިއުލޭޓު ކުރުމުގެ ބިލު' ފާސްކުރާނެ ކަމަށް ސަރުކާރުގެ މެންބަރުން ވިދާޅުވެފައި ވާއިރު މިބިލާ ގުޅިގެން، ބިލް ބޭރުކުރަން ގޮވާލައި ނޫސްވެރިންނާއި އަދި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ހިމެނޭހެން އެކި ތަންތާގައި އިހުތިޖާޖު ކޮށްފައި ވެއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވު މި ބިލަށް އިއްޔެ ވަނީ އާންމުކޮށް ހުޅުވާލައިގެން ކޮމެޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ. ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކާ އެކު ކޮންޓްރޯލް ބިލު ފާސްކުރަން ވޯޓަށް އެހުމާއެކު ކޮމިޓީގައި ބައިވެރިވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލަށް ވޯޓު ދީފައެވެ. ނަމަވެސް ނޫސްވެރިންނާއި އެމްޑީޕީގެ މެންބަރުން ވަނީ ބިލު ބޭރުކުރުމަށް ގޮވާލާ އަޑުގަދަކޮށް އިހުތިޖާޖު ކުރުމުން މި ކޮމިޓީ އިއްޔެ މެދުކަނޑާލާފައިވެސް ވެއެވެ.
ސަރުކާރުން މި ބިލަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކާއެކު ނޫސްވެރިންގެ އެންމެ ބޮޑު ކަންބުޑުވުމަކަށްވާ ކަންކަމަށްވެސް ހައްލު ލިބިގެންދާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމު މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށް ހުށަހަޅާފައިވާކަމަަށާއި، ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގައި ރައީސްގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17،19، އަދި 20 ވަނަ މާއްދާ އިސްލާހުކުރުމަށްވެސް ހުށަހަޅާފައިވާކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.