ރާއްޖޭގެ ވަކި ސަރަހައްދެއްގެ ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި އެ ސަރަހައްދެއްގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ނެގުން އަވަސްކުރުމުގެ އިހްތިޔާރު އިލެކްޝަން ކޮމިޝަން (އީސީ)އަށްދީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ.

ބިލަށް ބަހުސްކުރުމަށްފަހު ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތާއީދާއެކުގައެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 12 މެންބަރަކު ވަނީ ވޯޓު ދީފައެވެ.

އެ ބިލު ދިރާސާ ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެ ބިލަށް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.

އެއީ:

  • ވޯޓް ނެގުމުގެ މަދުވެގެން 21 ދުވަހުގެ ކުރިން އެ ވޯޓުގެ މައުލޫމާތު ކަރުދާސް އީސީއިން އާންމުކޮށް، ލޯކަލް ކައުންސިލް މެދުވެރިކޮށް އެ ކަރުދާސް އާންމުންނަށް ލިބޭނެ ލުއިފަސޭހަ ގޮތް ހަމަޖެއްސުން
  • ވޯޓް ނަގަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އެ ވޯޓު ނަގަންޖެހޭ ކަމަށް އޮތް ނަމަވެސް، ރާއްޖޭގެ ވަކި ސަރަހައްދެއްގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު 45 ދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ނެގުމުގެ އިހްތިޔާރު އީސީއަށް ދިނުން
  • ހިޔާލު ހޯދުމުގެ ވޯޓުގެ އަގުލަބިއްޔަތު ބަލާނީ އިންތިހާބުގައި ވޯޓުދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ލިބުމުން
  • ވޯޓަށް ބޭނުންވާ ފައިސާއަށް އެދި އީސީއިން ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއިން އެ ފައިސާ ދޫކުރަން ޖެހޭނެ