ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކަށް މިހާތަނަށް 588 ފަރާތަކުން ޑިޕޮސިޓް ދައްކާ ނިންމާފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބުނެފިއެވެ.

އެފްޑީސީން ބުނީ މިހާތަނަށް 588 ފަރާތަކުން ޑިޕޮސިޓް ދައްކާފައިވާއިރު، 909 ފަރާތެއް ޑިޕޮސިޓް ދެއްކުމަށް ތާވަލުކުރެވިފައިވާކަމަށެވެ. ޑިޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭއިރު، އެފްޑީސީން ވަނީ މިހާރު ފްލެޓްތައް އެ ތަންތަނުގެ ވެރިފަރާތްތަކާ ހަވާލުކުރަން ފަށާފައެވެ.

އެގޮތުން އެސްއެމްއެސް އަދި ޕޯޓަލް މެދުވެރިކޮށް ފްލެޓްތަކުގެ ތަޅުދަނޑިއާ ހަވާލުވާން ދިއުމަށް އަންގަމުން ދާނެ ކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި މަޝްރޫއުގައި ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތައް ދޫކުރުމަށް ނިންމާފައިވަނީ 9500 ރުފިޔާއަށެވެ. އަދި 2 ކޮޓަރީގެ އަގަކީ 7000 ރުފިޔާއެވެ. އެޕަރޓްމަންޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް ދައްކަން ޖެހެނީ 25000 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާ ދައްކަންޖެހެއެވެ.

ތަޅުދަނޑި ހަވާލުކުރާނީ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމުގައިވެސް ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް މެއިންޓަނަންސް ފީގެ ގޮތުގައި 1500 ރުފިޔާ މަހަކު ދައްކަން ޖެހޭއިރު، 2 ކޮޓަރިއަށް ދައްކަންޖެހެނީ 1000 ރުފިޔާއެވެ.