ރާއްޖޭގެ ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހަލުވިވެގެންދާނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން ބުނީ މިއީ މި ދާއިރާގެ ކުރިއެރުމާއި މުސްގިއްލުކަން ދެމެހެއްޓެވުމަށް ނިންމެވި ތާރީހީ މުހިންމު ނިންމެވުމެއް ކަމަށާއި އެކަމަށް ރައީސް މުއިއްޒަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށާއި، އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތައް ހަލުވިކަމެއް އަންނާނެ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ޖުޑިޝަރީ މިނިވަންކަމާއެކު ފަންކްޝަން ކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށް ވިދާޅުވެފައެވެ. ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމާފައިވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ އެގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށްވުރެ ބޮޑު އަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށްވެސް ނިންމަވާފައިވެސް ވާކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ މިކަމަށްޓަކާ ގާނޫނީ ގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައެވެ.
ހިނގަމުން މިދާ 2025 ވަނަ އަހަރުގެ ބަޖެޓުގައި ޖުޑިޝިއަރީއަށް 640 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.