ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ތ. ތިމަރަފުށި، ބޮޑުގެ، މުހައްމަދު އާމިރު ވަކިކުރައްވައި، އެ މަގާމަށް މއ. ޑޯންޝައިން، އާއިޝަތު މުޒްނާ އައްޔަނުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަހިދުގެ އަނބިކަނބަލުން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޒްނާ އައްޔަންކުރައްވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯ ބޯޑަށް އައްޔަނުކުރި މުޒްނާ އެ ކުންފުންޏާ ގުޅިވަޑައިގަތީ 2000 ވަނަ އަހަރުއެވެ. އަދި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ ނޮވެމްބަރު 28، 2023ގައެވެ.
އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަންއިން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ މުޒްނާވަނީ ސެޓެލްކޯގެ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ.