ކުރިން ހުރި މާލޭ ޖަލުގައި ބަންދުކުރި ތިބި ތިން ގައިދީއަކު، ޖަލު އޮފިސަރަކަށް ހަމަލާދީ މީގެ 5 އަހަރު ކުރިން ބޯފަޅާލި މައްސަލައަކާ ގުޅިގެން އެ ތިން މީހުން ހުސްވި ހަފްތާގައި ޖޫރިމަނާ ކޮށްފިއެވެ.

މީގެ 5 އަހަރުކުރިން 2020 ވަނަ އަހަރު ހިނގި މި ހާދިސާގައި ޖަލު އޮފިސަރަކަށް ހަމަލާދީ ބޯ ފަޅާލި މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ.

މި މައްސަލައިގެ ރިޕޯޓުގައިވާ ގޮތުން އެ ތިން ގައިދީން އެ މީހުންގެ އާއިލީ މެންބަރަކަށް ފޯނުކުރުމަށް، ގޮޅިން ނެރެގެން ގެންގޮސް ފޯނުކޮށް ނިންމައި އެނބުރި ގޮޅިއަށް ގެންދިޔަ މަގުމަތީގައި ޖަލު އޮފިސަރަށް ހަމަލާދީފައި ވާކަމަށް ބުނެފައި ވެއެވެ. މި ތިން މީހުންގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައި ވާއިރު މި ތިން މީހުންވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އެހެންނަމަވެސް އަނިޔާ ލިބުނު ޖަލު އޮފިސަރާ އެކު މަސައްކަތް ކުރާ ކަރެކްޝަންސްގެ އެހެން އޮފިސަރުން ވަނީ އެ ތިން މީހުންނާ ދެކޮޅަށް ހެކިބަސް ދީފައެވެ.

މި މައްސަލައިގެ ޝަރީއަތް ނިމިފައިވަނީ:

ދައުވާ ލިބުނު 3 މީހުން ކުރެ އެކެއްގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައި ވާއިރު އެ ހުކުމް ވަނީ 14،400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލު ކޮށްފައެވެ. އަދި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް ވަނީ 3،600 ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކޮށްފައެވެ.

މި މައްސަލައިގައި ދެން ހިމެނޭ 2 މީހުންގެ މައްޗަށް ގައިގައި އަތްލުމުގެ ކުށް ސާބިތުވެ، ކޮންމެ މީހަކު 7،200 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުސްވި ހަފްތާގައި ހުކުމް ކޮށްފައެވެ.