ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަ ކުންފުންޏެއް ސަރުކާރުން އުފައްދައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް މުއިއްޒު މިއަދު އުފައްދަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމާއެކު އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ.

އަދި މިއީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މީގެ ކުރިން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ބޭސްތައް ލިބުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ސަޕްލައި ޝޯޓޭޖުގެ މައްސަލަ ކަމަށް ވިދާޅުވެފައެވެ.

ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް އެސްޓީއޯގެ ބޭސް ސަޕްލައި އިތުރުކޮށް، ބޭހުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމުގެ، އިތުރުން އެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދު އިތުރު ކުރުމަށްވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތެކެއް ކުރަމުންނެވެ.

އަދި ބޭސް ޕްރިސްކްރައިބު ކުރުމުގެ ކަންތައްތަކާ ގުޅޭގޮތުން އާސަންދަ ޕޯޓަލްއަށް ގެންނަން ޖެހޭ އިސްލާހުތައްވަނީ ގެނެސްފައެވެ.