އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ކުރިއަށްދާ މައްސަލައިގައި ވަކީލަކު ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލަށް 10 ދުވަސް ދީފިއެވެ.
މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ބައްސާމް ވަނީ ވަކީލަކު ހޯދުމަށް ކުރާ މަސައްކަތް އަދި ކާމިޔާބު ނުވާކަން ފާހަގަކޮށް އިތުރު މުއްދަތެއް ދިނުމަށް އެދިފައެވެ. މިކަމާ ގުޅިގެން ކޯޓުން ވަނީ އިތުރު 10 ދުވަސް ބައްސާމަށް ދޭން ނިންމާފައެވެ.
އެފްއޭއެމްގެ ފައިސާ ބޭނުންކޮށް، އަމީން އެވެނިއު އެޕާޓްމެންޓެއް ގަތް މައްސަލައިގެ އަޑު އެހުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ވަނީ ބައްސާމްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައެވެ.
އެގޮތުން އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރަށް ހީޔާނާތްތެރިވެފައިވާ ކަމުގެ ދައުވާ ވަނީ ކޮށްފައެވެ. އަދި ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާވެސް އުފުލާފައެވެ.
މި ދައުވާގައި ވަނީ ބައްސާމު، އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ ފަންސަވީސް މިލިއަން ރުފިޔާ ގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ދައްކާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ދައުލަތުން ވަނީ މި ހިޔާނާތުގެ ސަބަބުން އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1 މިލިއަން 2 ލައްކަ އެމެރިކާ ޑޮލަރާއި އަމީން އެވެނިއު އިން ގަތް ދެ އެޕާޓްމަންޓު ބައްސާމްގެ އަތުން ނަގައިދިނުމަށް އެދިފައެވެ.